ފުލުހުންގެ އިދާގެ އަމަލުތައް ހުރިގޮތުން ކުރީގެ ރައީސް ޔާމީން ތަޙްޤީޤްގެ އިންޞާފުވެރިކަމަށް ހުރަސްއެޅެމުން ދާކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެއްމައްސަލައެއްގައި ބަޔާން ނަގައި ސޮއިކުރުމަށްފަހުވެސް ފުލުހަށް ހާޒިރުކޮށް ހިންގަމުންދާ އަމަލުތަކާއި ގުޅިގެން ޖަމީލް ވިދާޅުވީ ނިމިފައިވާ ތަހުގީގެއްގެ ބަޔާން ނަގައި ސޮއިކުރުމަށްފަހުވެސް ފުލުހަށް ހާޒިރު ކުރަންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ. މިހާރު ފުލުހުންގެ އަމަލުތައް ހުރިގޮތުން ރައީސް ޔާމީންގެ ޤާނޫނީ ހައްޤުތަކަށް ގެއްލުންވެ، އެމަނިކުފާނުގެ ތަހުގީޤުގެ އިންސާފުވެރިކަމަށްވެސް ހުރަސް އެޅޭކަމަށް ޖަމީލް ވިދާޅުވިއެވެ.
މިއަދު 2:00 އަށް ރައީސް ޔާމީން ފުލުހަށް ހާޟިރުކުރަން ހަމަޖެހިފައިވޭ. ބަޔާން ނަގައި ސޮއިކޮށްފައިވާ އެއްކަމެއްގައި އަނެއްކާވެސް މިހާޟިރުކުރަނީ. ފުލުހުންގެ ޢަމަލުތަކުން ރައީސް ޔާމީންގެ ޤާނޫނީ ޙައްޤުތަކަށް ގެއްލުންވޭ އަދި ތަޙްޤީޤްގެ އިންޞާފުވެރިކަމަށް ހުރަސްއެޅޭ.
– ޖަމީލް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ސުވާލުކޮށް ބަޔާން ނެގުމަށް މިމަހުގެ 10 ވަނަ ދުވަހުވެސް ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލަ ތަހުޤީގު ނިންމައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، ރައީސް ޔާމީނު ފުލުހަށް ހާޒިރުކޮށްފައިވަނީ އާރަށާ ގުޅޭ މައްސަލައިގައި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާއި ހަވާލާދީ ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.
ވ. ތިނަދޫކައިރި އޮންނަ އާރަށް އަމިއްލަ ކުންފުންޏަކަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެރަށްވަނީ އެއަތޮޅު ފެލިދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމަށް ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާވަނީ ފަހުން ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުންވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި މިމައްސަލައިގައި ހިމެނޭ ރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުޤީގުގެ ތެރެއިންނެވެ.
އެއްމިލިޔަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި މިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި އެޙުކުން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ. ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރުވަނީ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.