އިންގްލެންޑް ބަލިކޮށް އިޓަލީން ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފި

އިންގްލެންޑް ބަލިކޮށް އިޓަލީން ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފި

Author
ޔޫސުފް
12 ޖުލައި 2021 04:02
0

ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށް ޔުއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދާއިފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތިރީސް މިނެޓުގެ ތެރޭގައިވެސް ލަނޑެއް ނުޖެހުމުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑްގެ މައްޗަށް އިޓަލީ ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.

މިއީ އިޓަލީން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެއެވެ. އިޓަލީން ޔޫރޯ ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ 1968 ވަނަ އަހަރު އެވެ. އަދި މިއީ އިންގްލެންޑް ޔޫރޯގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އިންގްލެންޑުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ދެ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޝޯ އެވެ. މިއީ ޔޫރޯގެ ތާރީހުގައި ފައިނަލް މެޗެއްގައި ފެނުނު އެންމެ އަވަސް ލަނޑެއެވެ.

އިންގްލެންޑުން ލަނޑެއް ޖަހާ ލީޑު ނެގިފަހުން އިޓަލީން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމަށް ލިބޭ ފުރުޞަތުތަކުގައި އެޓޭކް ކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލެންޑުގެ ގޯލު ފޫއަޅުވާލެވޭނެ ގޮތެއް އިޓަލީއަކަށް ނުވިއެވެ.

ނަމަވެސް ދެ ވަނަ ހާފް ފަށައިގެން މެޗު ޑޮމިނޭޓްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އިޓަލީންނެވެ. އޭގެ ނަތީޖާއެެއްގެ ގޮތުން ފަސްދޯޅަސް ހަތްވަނަ މިނެޓުގައި އިޓަލީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ބޮނޫޗީއެވެ. މި ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ނިިމުމުން ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނެޓުގެ ދެ ހާފުގެ ތެރޭގައިވެސް އިތުރު ލަނޑެެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ދެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭށެވެ. މިއީ ޔޫރޯ ތާރީހުގައި ފައިނަލް މެޗެއްގައި ޕެނަލްޓީ ޖަހަން ޖެހުނު ދެ ވަނަ ފަހަރެވެ.

ޕެނަލްޓީގައި އިންގްލެންޑުން ފޮނުވާލި ޕެނަލްޓީ ތަކުގެ ތެރެއިން ނާކާމިޔާބުވީ ރަޝްފޯޑް، ސަންޗޯ އަދި ސަކާ ޖެހި ޕެނަލްޓީއެވެ. އިޓަލީއަށް ނާކާމިޔާބުވީ އަންދްރެއާ ބެލޮއްޓީ އަދި ޖޯޖީނިއޯ ޖެހި ޕެނަލްޓީއެވެ.

މި ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދިއިރު އެންމެފަހުން އެޓީމުން މުބާރާތް ކާމިޔާބުކުރީ 1968 ވަނަ އަހަރުގައެވެ. އެހެންނަމަވެސް 2012 ވަނަ އަހަރު އިޓަލީން ވަނީ މުބާރާތުގެ ރަނަރަޕް ކަން ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.