ބޮލީވުޑާއި ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީގައި މަޝްހޫރު އަކިނެއްނީ ނާގަރްޖުނާގެ ދަރިފުޅު ނާގަ ޗައިތަނިޔާ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވެއްޖެ އެވެ.
ފިލްމީ އާއިލާ އަކަށް ނިސްބަތްވާ ޗައިތަނިޔާ އަކީ ތަމަޅަ ފިލްމް އިންޑަސްޓްރީގައި މަގުބޫލު އެކްޓަރެކެވެ. މީގެ އިތުރުން ޗައިތަނިޔާގެ އަންހެނުން ސަމަންތާ އަކީ ސައުތު އިންޑިއަން ފިލްމް އިންޑަސްޓްރީގައި އެންމެ މަޝްހޫރު އެއް ބަތަލާއެވެ.
ނާގަ ޗައިތަނިޔާގެ ބައްޕަ ސައުތު އިންޑިއަން ސުޕަސްޓަރ ނާގަރްޖުނާއަކީ ބޮލީވުޑްގެ މަގުބޫލު ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އޭނާގެ ފިލްމްތަކުގެ ތެރޭގައި "ހުދާ ގަވާ" "މިސްޓަރ ބޭޗާރާ" "ޒަޚަމް" ފަދަ ފިލްމުތަށް ފާހަގަ ކޮށްލެވެއެވެ. މަޝްހޫރު ބޮޑު ކާސްޓެއް ހިމެނޭ ފިލްމް "ބްރަހަމަސްތުރާ" އިން ވެސް ނާގަރްޖުނާ ފެނިގެން ދާނެއެވެ.
ޗައިތަނިޔާ ވަނީ އޭނާ ބޮލީވުޑަށް ތާރަފްވާ ފިލްމުގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށް، އޭނާ އާމިރު ޚާނާއި އެކު ފެނިގެން ދާނެކަން ކަށަވަރު ކޮށްދީފަ އެވެ. އާމިރު ޚާނާއި މި ފިލްމުގެ ކޯ ޕްރޮޑިއުސަރ ކިރަން ރާއޯ އާއެކު ނަގާފައިވާ މި ފޮޓޯގައި އާމިރާއި ޗައިތަނިޔާ ހުރީ އާމީ ކޮސްޓިއުމެއްގަ އެވެ.
މިއީ ކުރިން ވިޖޭ ސެތުޕަތީ ކުޅެން ހަމަ ޖެހިފައިއޮތް ރޯލެކެވެ. ނަމަވެސް އާމިރާއި ވިޖޭ އާއި ދެމެދު އުފެދުނު ކުޑަ ނުތަނަވަސްކަމެއްގެ ސަބަބުން މި ފިލްމުން ޗައިތަނިޔާއަށް ފުރުސަތު ލިބުނީއެވެ.
ސަމަންތާ ވަނީ ޗައިތަނިޔާގެ މި ޕޯސްޓަށް "ޔެޔެޔޭ" ކިޔައި ކޮމެންޓްކޮށްފަ އެވެ. ސަމަންތާ ވަނީ ދާދިފަހުން އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން މަނޯޖް ބަޖްޕާއީގެ ވެބް ސީރީޒް "ފެމިލީ މޭން" ގެ ދެވަނަ ސީޒަނުގައި ވަރުގަދަ ރޯލަކުން ފެނިގެންގޮސްފަ އެވެ.
ނާގަ ޗައިތަނިޔާ އާއި ސަމަންތާ ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ. ސަމަންތާ އަކީ ސޯޝަލް މީޑިއާއާވެސް ވަރަށް ރައްޓެހި ތަރިއެކެވެ.
61 އަހަރުގެ ނާގަރްޖުނާގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. އެއީ 34 އަަރުގެ ޗައިތަނިޔާ އާއި 27 އަހަރުގެ އަކިލް އަކިނައިނީ އެވެ. ޗައިތަނިޔާ އަކީ ނާގަރްޖުނާގެ ފުރަތަމަ ކައިވެނިން ލިބިފައިވާ ކުއްޖެކެވެ. އެކައިވެނި ރޫޅިފައިވަނީ 1990 ވަނަ އަހަރު އެވެ.
އޭގެ ފަހުން ނާގައަރުޖުނާ 1992 ވަނަ އަހަރު ވަނީ އިތުރު ކައިވެޏެއް ކޮށްފަ އެވެ. އަކިލް އަކީ އެކައިވެންޏަށް ލިބުނު ކުއްޖެކެވެ.