ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލު ތަސްދީޤު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2021 02:41
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 70/4ޖ.) އުވާލުމުގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު ޢަލީ އާޒިމެވެ. އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން 1970ވަނަ އަހަރުން ފެށިގެން އަންނަނީ ރެވެނިޔު ސްޓޭމްޕު ޖަހަމުންނެވެ.

ރެވެނިއު ސްޓެމްޕު ޖެހުން ހުއްޓާލުމަށް ބިލު ހުށައެޅުއްވި މަޤްޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަަަކަށް ނުވުމެވެ. އެޤާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫންވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީއާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެން ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕް ޖަހަންޖެހުމުގެސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭކަަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް ނިންމެވީކަމަށްވެސް ބިލުގައިވެއެވެ.

ރެވެނިޔު ސްޓެމްޕުން ދައުލަތަށް ލިބުނު އާމްދަނީވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރެވެނިޔު ސްޓޭމްޕް ވިއްކައިގެން ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު 3.9 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި މިއަހަރުވެސް 3.7 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ރެވެނިއު ސްޓޭމްޕު ޕްރިންޓްކުރުމަށް 547228 ރުފިޔާ ޚަރަދުވިކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.