މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނިމުމަށްފަހު އަންގާރަ ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިއްޖެއެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓަމް ނިމި އެ ކުއްޖާ އެނބުރި ރާއްޖެ ގެންނަން މިހާރު ނިންމާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ރިިޕޯޓް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މޯޗަރީގައި ބާއްވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، އެ ކުއްޖާގެ ހަށިގަނޑު ބޭރަށް ގެންގޮސްފައި ވަނީ ޖޫން އަށް ވަނަ ދުވަހުއެވެ. ޕޯސްމޯޓަމް ހަދާފައި ވަނީ އިންޑިއާގެ މެޑިކަލް ކޮލެޖެއްގައެވެ.
13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗަށް ގެންގޮސް ބައެއް ޓެސްޓުތައް ވަނީ ހަދާފައެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.
މި ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް 2 ދިވެއްސަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި މަރާއި ގުޅޭ އަދި މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ދެމީހުންގެ ތެރެއިން 27 އަހަރުގެ މީހާގެ ތަހުޤީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އެ ކުއްޖާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ. 13 އަހަރުގެ މި ކުއްޖާގެ މަރާލުމަށްފަހު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އުފުލިކަމަށް ޝަކުކުރެވޭ ޓެކްސީއެއްވެސް ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ.
މި ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެ ކުއްޖާގެ މޫނު ވަކިނުކުރެވޭވަރުކުރުމަށް މޫނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހުކަމަށް އެނގިފައިވެއެވެ. އަދި އެކުއްޖާއަށް އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށްވެސް އެެނގިފައިވެއެވެ.