2012 ގެ ފެބްރުއަރީ 07 ވަނަ ދުވަހު އޭރުގެ ރައީސް މަޤާމުން އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ރައީސް އޮފީހުން ފޮނުވާ ސިޓީ އާންމު ދެމީހަކު ހިފައިގެން ދިއުމުން މަޖިލީހުގެ ރައީސަކަށް ހުންނެވި ބޭފުޅަކު އެސިޓީ ބަލައިގަންނަންޖެހޭ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
2012 ގެ ފެބްރުއަރީ 07 ވަނަ ދުވަހު އަމަލުކުރެއްވީ ކޮންމެ ހާލަތެއްގައި ވެސް ޤާނޫނު އަސާސީ ނަގަހައްޓައި ހިފެހެއްޓުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެ ދެއްކެވި ވާހަތަކުގެ ރައްދުގައި ހައިލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެސިޓީއާއި ޝާހިދު ހަވާލުވާންޖެހޭ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ. ޤާނޫނު އަސާސީގެ 212 ވަނަ މާއްދާއި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަންޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު ޤާނޫނީ އިމުގެ ބޭރުން ކުރެވޭ އެއްވެސް ކަމަކަށް އިޖާބަ ދިނުމަކީ ދައުލަތުގެ މުއައްސަސާއަކުން ކުރެވޭނެ ކަމެއް ނޫންކަމަށް ހައިލަމް ވިދާޅުވިއެވެ.
ރައީސް އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ރައީސް އޮފީހުން ފޮނުއްވާ ސިޓީއެއް ޢާންމުންގެ ތެރެއިން ދެމީހަކު ހިފައިގެން ދިޔުމުން އެސިޓީ ބަލައިގަންނަންޖެހޭނެ އެއްވެސް ޤާނޫނީ އަސާސެއް ނޯންނާނެ. އަދި އެއީ ޤާނޫނުއަސާސީގެ 121 ވަނަ މާއްދާއާ އެއްގޮތަށް ހުށަހެޅުނު ސިޓީއަކަށް ނުވާނެ.
– އަހުމަދު ހައިލަމް
ޤާނޫނު އަސާސީގެ212 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވާއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި، އެސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމުން ވަކިވީކަމަށެވެ.
ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިސްތިއުފާ ޤަބޫލުކުރުން ފިޔަވައި ކުރެއްވޭނެ ވަކި އިތުރުކަމެއް ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ލިބުމުން އެމަޤާމު ހުސްވީކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮތް ނިންމުމުގެ އިޚްތިޔާރުއޮންނަ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މިސިޓީ ހިފައިން ދިޔަ މީހުންނާއި، ސިޓީ ޤަބޫލުކުރެއްވި ސަބަބެއް ޝާހިދު ހާމަކުރައްވާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ