ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ކޮލަމްބިއާ ހޯދައިފިއެވެ.
މުބާރާތުގެ ތިން ވަނަ ކޮލަމްބިއާ ހޯދީ މިއަދު ފަތިހު ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ޕެރޫގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ބްރެޒިލުގެ އެސްޓާޑިއޯ ނަސިއޮނާލުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕެރޫ އިންނެވެ. މެޗުގެ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގެ ތެރޭގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޔޮޝިމާރް ޔަޓޮންއެވެ.
ނަމަވެސް ދެ ވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ކޮލަމްބިއާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ހުއާން ކުއަޑްރާޑޯއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކޮލަމްބިއާއިން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒެވެ.
ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި ޕެރޫއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޕެރޫއަށް ކާމިޔާބުކޮށްދިނީ، ޖިއަންލޫކާ ލަޕަޑޫލާއެވެ. 2-2 ގެ ނަތީޖާއަކުން މެޗުގެ ފުރިހަމަ ވަގުތު ނިމެންދަނިކޮށް 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާއިން ވަނީ ލަނޑެއް ޖަހާ ޕެރޫ މާޔޫސްކޮށްލުމަށްފަހު މުބާރާތުގެ ތިން ވަނަ ޔަގީންކޮށްފައެވެ. މި ލަނޑު ކޮލަމްބިއާއަށް ކާމިޔާބުކޮށްދިނީ، ލުއިސް ޑިއާޒްއެވެ.
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ފަތިހު ރާއްޖެ ގަޑިން 5:00 ގައެވެ. ފައިނަލްގައި ވާދަކުރަނީ އާޖެންޓީނާ އާއި ބްރެޒިލްއެވެ.