ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ގެނައި ބަދަލާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮޑުކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއްކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މިހާލަތުގައ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ސައީދު ވިދާޅުވީ އާންމު މުވައްޒިފު މީހާގެ މުސާރައަށް ކުޑަވެއް ބަދަލެއް ނެގެސް، ވެރިންގެ މުސާރަ ބޮޑު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ. މިހާލަތުގައި ސަރުކާރުން އަޅަ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުންވެގެންދާނީ ރާއްޖޭގެ އިޤްތިޞާދަށް ކަމުގައި ސައީދު ވިދާޅުވިއެވެ.
ރައީސް ޞާލިހުގެ ޒިންމާދާރު ވަރަށްކުޑަ. އެތައްހާސް މުވައްޒިފުން އެކި ދާއިރާތަކުގެ 50 އިންސައްތަ އާއި ހަމައަށް ނުލިބި ތިއްބާ ވެރިންގެ މުސާރަ ބޮޑުކުރަން މިއީ ކޮންވަގުތެއް؟ މުސާރަ ކަނޑާފައިވާ ކުންފުނި، ރިސޯޓް ތަކަށް ސަރުކާރުން ޓެކްސް ބްރޭކް! ވެރިންގެ މުސާރަ؟
– ސައީދު ވިދާޅުވިއެވެ.
ސަރުކާރުން މުރާޖާކޮށް ކުންފުނިތަކަށް ފޮނުވި ލިޔުމުގައި ވާގޮތުން، ކެޓަގައިޒްކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000ރ. އާއި 15،000 ގެ އިތުރުވުމެއް އަންނާނެއެވެ.
އެމްޑީ / ޑީއެމްޑީގެ އަސާސީ މުސާރަ (ޔޫޓިލިޓީ / ޔޫޓިލިޓީ ނޫން ކުންފުނިތައް)
- އޭ ކެޓަރީގެ ކުންފުނިތައް: އެމްޑީ، 52,260ރ. / ޑީއެމްޑީ، 41,808ރ
- ބީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 42,880 / ޑީއެމްޑީ، 34,304ރ
- ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 34,304ރ. / ޑީއެމްޑީ، 27,443ރ.
- ޑީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 33,000rރ. / ޑީއެމްޑީ، 26,000ރ.
- އީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 27,443ރ. / ޑީއެމްޑީ، 21,955ރ.
މީގެ އިތުރުން، އެ އުސޫލުގައި ވާގޮތުން، ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން 111 ރަށަށް ވުރެ ގިނަ ރަށުގައި ކުންފުނީގެ ގޮފިތަށް ހިންގަމުންދާ ކުންފުނިތަކަށް "ހާޑްޝިޕް އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 16،000ރ. ދޭން ވެސް ވަނީ ނިންމާފައެވެ. އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 12،800ރ. ދެވިދާނެއެވެ.
އައު އުސޫލުގައި ވާގޮތުން، "އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 12،300ރ. ދެވޭއިރު، އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 9،840ރ. ދެވޭނެއެވެ. ނަމަވެސް، "ހާޑްޝިޕް އެލަވަންސާ" އި އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް ކުންފުނީގެ ބޯޑުން ފާސްކޮށް ހަމަޖެއްސުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް ގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ