ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ ތެރެއިން، އެމްޑީޕީގެ ފަރާތުން ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވައި ހަދާ މެމެންބަރުން ޕާޓީން ވަކި ކުރަންޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް ޞާލިހަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައި ވަނިކޮށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އެކަށީގެންވާ ގޮތަށް ތަހުގީގް ކުރެވިފައި ނުވާތީ ކެބިނެޓް އުވާލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޤާމުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ގޮވާލާފައެވެ.
ރައީސްގެ އިސްތިއުފާއަށް ބޮންޑޭ ގޮވާލާފައިވާތީ މޫސަ ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ޕާޓީ ތެރޭގައި އަމަލުކުރާ މެމްބަރުން ވަކިކުރަންޖެހޭކަމަށެވެ. އެމްޑީޕީގައި މީގެ ކުރިންވެސް އަމަލުކޮށްފައިވަނީ އެއުސޫލުންކަމަށާއި، އެނޫން ގޮތަކަށް ކަންކަން ހިނގާނަމަ އެމްޑީޕީ ހަލާކުވެގެން ގޮސްދާނެކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ސަރުކާރާއި، އިދިކޮޅަށް ތެދުވެ ރައީސުލްޖުމްހޫރިއްޔާ އަށް އިސްތިއުފާއަށް ގޮވާ، ޕާޓީގެ އުސޫލުތަކާއި ޚިލާފްވާ މެމްބަރުން ވަގުތުން ޕާޓީން ވަކިކުރަންޖެހޭ، މީގެ ކުރިން އެމްޑީޕީ މެމްބަރުންނާއިމެދު އަމަލުކޮށްފައި ހުރީ މިއުސޫލުން. މިކަން ނުކޮށްފިނަމަ އިންސާފާއި ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވާނެ.
– މޫސަ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް މިއަދު ކުރި ހޫނު ބަސްގައި ސަރުކާރަށް ގިނަ ހަމަލާތަކެއް ބޮންޑޭވަނީ ދެއްވާފައެވެ. ބޮންޑޭ ވިދާޅުވީ މިބިލަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އޮއްބާލުމަށް ވަރަށް ރޭވިގެން މަޖިލީހަށް ހުށަހެޅުނު ބިލެއް ކަމަށެވެ. މިބިލުގެ ބަހުސް ރައްޔިތުންގެ މެދުގައި ކުރުމަށް މަގު ހުޅުވާލައި، ނަޝީދުގެ މައްސަލަ އޮއްބާލުމަކީ ސަރުކާރުގެ އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވަނީ މަޖިލީ ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ތާއީދު އޮތް ސިޔާސީ ޝަހުޝިއްޝަތުކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގް އެކަށީގެންވާ ގޮތަށް ނުހިނގާކަމަށްވެސް ބޮންޑޭ ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަ ރަނގަޅަށް ނުހިގާތީ ރައީސް ޞާލިހު ދުނިޔޭގެ ލަދަށްވެސް އިސްތިއުފާ ދެއްވަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.
އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން. އަޅުގަނޑު އެދެން ކެބިނެޓް އުވާލަން. އަޅުގަނޑު އެދެން މިވަރުގެ ކަމެއްކޮށްފަ ފަހަތަށް ޖެހުނީމާ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން. އެއީ އެހާވަރަށް ގަޓެއް ނެތީ. މިއީ ވަރަށް ނުބައި ދަލެރއްގައި މިޖެއްސީ. ރައްޔިތުންނަށް އޮޅުވާލައިގެން މިވަރުގެ ކަމެއް ޕާލިމަންޓެއްގެ ބޮލުގައި އަޅުވައި ތަހުގީގު ކުރަންޖެހޭ މައްސަލަ ތަހުގީގް ނުކޮށް އޮތީމާ އަޅުގަނޑަށް ނެތް ރައީސުލްޖުމްހޫރިއްޔާ އިތުބާރެއް.
– ބޮންޑޭ ވިދާޅުވިއެވެ.
މިއަދު މަޖިލީހުގައި ވަނީ އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ބޮންޑޭ ވިދާޅުވީ މިބިލަކީ ސަރުކާރު ކޯލިޝަނުން މަޖިލީހަށް ހުށަހެޅުއްވި ބޮޑު ފިތުނައެއްކަމަށެވެ. ބިލު ހުށަހެޅުމަށްފަހު ފާޑުކިޔުން އަމާޒުވުމުން، ސަރުކާރުން މިކަންވެސް ޖެހީ ބިލް ސްޕޮންސާ ކުރެއްވި މެމްބަރަށް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ