އިސްރާއީލުގެ ލާއިންސާނީ އަނިޔާތައް ކުށްވެރި ކުރުމަށް ގޮވާލާ ގަރާރު މަޖިލީހުން ފާސް ކޮށްފި

އިސްރާއީލުގެ ލާއިންސާނީ އަނިޔާތައް ކުށްވެރި ކުރުމަށް ގޮވާލާ ގަރާރު މަޖިލީހުން ފާސް ކޮށްފި

Author
ހުސެއިން
07 ޖުލައި 2021 08:56
0

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލުމާއެކު، ފަލަސްތީނު ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި، ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހަޅުއްވާފައިވާ ގަރާރު ރައްޔިތުންގެ މަޖިލިހުން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކޮށް ނިންމުމަށްފަހު، ގަރާރަށް ތާއީދުކޮށް، މަޖިލީހުގެ ފްލޯއަށް ހުށަހެޅުއްވި ކޮމިޓީ ރިޕޯޓު މަޖުލީހުގެ ފްލޯއިން މިއަދު ފާސް ކޮށްފިއެވެ.

ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހެޅުއްވި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު، ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ހުއްޓާލުމަށް ގޮވާލާ މިގަރާރާ މެދު ކޮމިޓީގެ މަރުހަލާގައި މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، ގަރާރާމެދު ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ކޮބައިކަމާއި، އެގަރާރާ ގުޅޭގޮތުން ޚިޔާލު އޮޅުން ފިލުވުމަށް ފޮރިން މިނިސްޓްރީގައި މަޖިލީހުން އެދިފައި ވެއެވެ.

މަޖިލީހުގެ އެދުމުގެ މަތިން، މިގަރާމެދު ފޮރިންގ މިނިސްޓްރީގެ ޚިޔާލު ހުށަހަޅުއްވާ އެމިނިސްޓްރީން މަޖިލީހަށް ފޮނުއްވި ސިޓީގައި، ފަލަސްތީނުގެ މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަ ކުރައްވާ މައިގަޑު 7 ނުކުތާއެއް ފާހަގަ ކުރައްވާފައިވެއެވެ.

މިގޮތުން، ދިވެހި ސަރުކާރުން ފަލަސްތީނާއެކު އަބަދުވެސް ޚާރިޖީ ގުޅުން ދަމަހައްޓަމުން ގެންގޮސްފައިވާ ކަމަށާއި، ފަލަސްތީނުގެ ރަސްމީ ފަރާތްތަކާ އެކި ފަހަރުމަތިން ބައްދަލުކޮށް، ފަލަސްތީނަށް ދިވެހި ސަރުކާރުގެ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާނެކަމަށް މިސިޓީގައި ބަޔާން ކުރައްވާފައި ވެއެވެ.

މީގެ އިތުރުންވެސް، ޔޫއެން އިން ރަސްމީކޮށް ފަލަސްތީނަކީ ދައުލަތެއް ކަމުގައި ބަލައިގަތުމަށް އެހީތެރިކަން ދިވެހިރާއްޖެއިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެކަން ހާމަކޮށްފައިވާނެ ކަމަށް ފޮރިންގ މިނިސްޓްރީގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެފަަދައިން، އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ހަމަލާތައް ހުއްޓުވުމަށް ގޮވާލާ، ނުވަތަ ފަލަސްތީނު ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި، ނުވަތަ އިސްރާއީލުން ވެރި ވެގެންފައިވާ ފަލަސްތީނުގެ ބިންތައް ދޫކޮށްލުމަށް ގޮވާލާ ޔޫއެން އަށް ހުށަހަޅާފައިވާ އެތައް ގަރާރަކަށް ދިވެހިރާއްޖެ އިން ތާއީދު ކޮށްފައިވުމާއެކު، އަދި ފަލަސްތީނާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓިދީފައިވާނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ގަރާރުގައި ވާގޮތުން، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލުމާއެކު، ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރި ކުރުމާއި، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަށް ކަށަވަރު ކޮށްދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުން މިމައްސަލައާ ދޭތެރޭ ދެކޭގޮތް ބައިނަލް އަގުވާމީ މުޖުތަމަޢަށް ހާމަކޮށްދޭން ޖެހެއެވެ.

ޚަރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ، މިގަރާރުގައި ފާހަގަ ކޮށްފައިވާ އެންމެހާ ކަންކަމަށް އެކޮމިޓީން ފުރިހަމައަށް ތާއީދުކުރުމާއެކު، އެ ގަރާރާ ގުޅޭގޮތުން ކޮމިޓީން ހުށަހަޅާ ހުށަހެޅުން، މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކާ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވުމަށެވެ.

މަޖިލިހުގެ ފްލޯގައި، މި ގަރާރު ފާސްކުރުމަށް ފެނޭތޯ މިއަދު ނެގުނު ވޯޓުގައި، މިގަރާރާ އެއްކޮޅަށް ހާޒިރުވެ ތިއްބެވި 59 މެމްބަރުންގެ ތެރެއިން 44 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ 14 މެމްބަރަކު ތިއްބެވިއެވެ.

ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަކީ، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް، މީގެ ކުރިންވެސް މަޖިލީހަށް ގިނަ ގަރާރުތަކެއް ހުށަހަޅުއްވާގައިވާ މެމްބަރެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.