ކޮޕަ އެމެރިކާގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2 ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާޖެންޓީނާއިން ވަނީ 2-3 ގެ ނަތީޖާއަކުން ކޮލަމްބީއާގެ މައްޗަށް ކުރި ހޯދާއި ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.
މި މުބާރާތުގެ ޤަވާއިދު ބުނާ ގޮތުން މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ނަތީޖާ ނުނެރެވިއްޖެ ނަމަ ދެން ޖެހޭނީ ޕެނަލްޓީ ޖަހާށެވެ.
ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ ބްރެޒިލް އާއެވެ. ބްރެޒިލް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެރޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އެސްޓާޑިއޯ ނަސިއޮނާލުގައި ކުޅުނު މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އާޖެންޓިނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ލަޓާރޯ މާޓީނޭޒްއެވެ. އޭނާ މި ލަނޑު ޖެހީ މެސީގެ އެހީތެރިކަމާއެކުއެވެ. އާޖެންޓީނާއިން ލަނޑެއް ޖަހާ ލީޑު ނެގިފަހުން ކޮލަމްބިއާއިން ވަނީ ކުޅުން ރަނގަޅުކޮށް އާޖެންޓީނާގެ ގޯލައް ނުރައްކާކޮށްފައެވެ. ނަމަވެސް އެޓީމުން ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމަލާތައް ދިފާޢު ކުރުމުގައި އާޖެންޓީނާގެ ކީޕަރ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުގައި ކޮލަމްބިއާއިން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައި 60 ވަނަ މިނެޓުގައެެވެ. މި ލަނޑު ކޮލަމްބިއާއަށް ކާމިޔާބުކޮށްދިނީ، ލުއިސް ޑިއާސްއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ދެން ޖެހުނީ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި އާޖެންޓީނާއިން ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ ކޮލަމްބިއާގެ 3 ޕެނަލްޓީއެއް މަތަކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. މެރަކާނާ ސްޓޭޑިއަމްގައި ބްރެޒިލާއި އާޖެންޓީނާ ވާދަކުރާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ފަތިހު 5 ޖަހާއިރުއެވެ.