މިހާރު ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރަނީ ރައީސް މައުމޫންގެ ނިޒާމުގައި ވޯޓު ނެގި ގޮތަށް "ކުޑަކާފު ބޮޑުކާފު" ވޯޓަކުން ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
“އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވަނީ 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ރައީސް މައުމޫން ވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާއި ގުޅޭގޮތުން ރައްޔިތުން ވަކި ގޮތަކަށް ކަންކަން ނިންމާފައިވާކަމަށެވެ. ރައީސް މައުމޫންގެ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ރައީސް މައުމޫނަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން މެމްބަރު ވަހީދު ވިދާޅުވީ ރާއްޖޭގައި ފެންނަން އޮންނަ ނިޒާމަކާއިމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމުގައެވެ. އެކަން ކަނޑައަޅާނީ މިނިވަން އިންސާފުވެރި އިންތިޚާބަކުން ކަމަށާއި، އެވޯޓަކީ ރައީސް މައުމޫންގެ ދައުރުގައި ނެގިފަދަ ‘ކުޑަކާފު ބޮޑުކާފު’ ވޯޓެއް ނޫންކަމަށް ވަހީދު ވިދާޅުވިއެވެ.
ޖާގަ އޮތްތޯ ނެތްތޯ ކަނޑައަޅާނީ ރައްޔިތުން ދެއްތޯ؟ އަދި ރައްޔިތުން އެކަން ކަނޑައަޅާނީވެސް މިނިވަން އިންސާފުވެރި ވޯޓަކުން. މަނިކުފާނު ކުރީން ނެންގެވި ބާވަތުގެ ‘ކުޑަކާފު ބޮޑުކާފު’ ވޯޓަކުން ނޫން.
– ވަހީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ބޮޑު އަޣްލަބިއްޔަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީ ނިޒާމު ރާއްޖޭގައި އޮތުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ
ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު
– މައުމޫން
ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ބަރުލަމާނީ ނިޒާމް ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަން ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ. ނަމަވެސް ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ.
ކޮމެންޓު ފޮނުވާ