ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުގައިކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އިމިގްރޭޝަނުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 18,867 ފަތުރުވެރިޔަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގައެވެ. މިޔަ މަހު ރާއްޖެއަށް 9،538 ފަތުރުވެރިޔަކު ވަނީ އައިސްފައެވެ.
މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 318 ފަތުރުވެރިންނެވެ. ޖުލައި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތް އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
18,867 tourists have arrived to Maldives, since the border reopened in July.
More details of September: https://t.co/N7rEjEVKuP pic.twitter.com/uvRFwBuzOS
— Maldives Immigration (@ImmigrationMV) October 4, 2020
ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ޖުލައި 15 އިން ސެޕްޓެމްބަރ 15 އަށް ރާއްޖެއަށް 13516 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މަހުން މަހަށް ބަލާނަމަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ ބޯޑަރު ހުޅުވާލިފަހުން އިތުރުވަމުންނެވެ.
ސެޕްޓެމްބަރ މަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ ރަޝިއާ އަދި އެމެރިކާއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށްޓަކައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ބޯޑަރ މައިލްސް ޕްރޮގުރާމްވަނީ ތަޢާރަފްކޮށްފައެވެ. މި ޕްރޮގުރާމަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން ތަފާތު އިނާޔަތްތައް ލިބޭގޮތައް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭއިރު ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާނަމަ އިތުރު ޕޮއިންޓް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.