މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ، 2023ގަ ގާނޫނު އަސާސީ ބަދަލުކޮށް، ބަރުލަމާނި ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރައްވާނެކަމަށް

ބަރުލަމާނީ ނިޒާމަކަށް މިސްރާބު ބަދަލު ކޮށްލުމުގެ ފުރުސަތު އޮތީ ކިހާވަރަކަށް؟

ބަރުލަމާނީ ނިޒާމަކަށް މިސްރާބު ބަދަލު ކޮށްލުމުގެ ފުރުސަތު އޮތީ ކިހާވަރަކަށް؟

ރައީސް މައުމޫންގެ 30 އަހަރުވީ ދިގުވެރިކަމަށް ނިމުންއައީ، އެމަގަށް ގައުމުގެ މިސްރާބު އަބުރާލަން ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވުމުންނެވެ. އަދި ރައްޔިތުންގެ ވިސްނުމާއި ފިކުރު އެމަގަށް ހުރިކަން ރައީސް މައުމޫނުވެސް ގަބޫލުކުރައްވާ، ގައުމުގެ މިސްރާބު އެމަގަށް ދީލާލުމަށް ފުރުސަތު ދެއްވުމުންނެވެ.

އަދި ހަމަ އެއާއެކު، ރައީސް މައުމޫނުގެ ވެރިކަން އިންތިހާއަށް ދިގުލައިގެން ގޮސްފައި ވަނިކޮށް، އެމަނިކުފާނުގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ރައްޔިތުންގެ ހިތަށް ވައްދާދީ، ރައީސް މައުމޫނުގެ ވެރިކަމާ މެދު، ބަޔަކު މީހުން އިސްވެތިބެ ރައްޔިތުންގެ ހިތްތަކުގައި އިންތިހާއަށް ނަފްރަތު އުފައްދާ، ރައްޔިތުންގެ ތެރޭގައި އުފެދިގެންދިޔަ ރުޅިވެރިކަމުގެ ނަތީޖާއެއްގެ ގޮތުންވެސް މެއެވެ.

ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ދިގުލައިގެންދިޔަ، ރައީސް މައުމޫނުގެ ދިގުވެރިކަން ނިމުމަކަށް ގެނައުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގަނައުމަށްޓަކާ މަގުޗާޓެއް އިއުލާން ކުރެއްވީވެސް ޚުދު އެމަނިކްފާނެވެ.

އަދި މި އިސްލާހީ ބަދަލުތަކުގެ މަގުޗާޓަށް އަމަލުކޮށް، ރައްޔިތުންގެ ޚާއްސަ މަޖިލިހެއް އެކުލަވާލާ، ޚާއްސަ މަޖިލިހުން ޒަމާނީ ގާނޫނު އަސާސީއެއްވެސް ވުޖޫދު ކުރިއެވެ. މިގާނޫނު އަސާސީން އެކަށައެޅި، ގިނަ ޕާޓީތައް އެކުލެވޭ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ.

2007 ވަނަ އަހަރު، ފެހި ގާނޫނު އަސާސީ ރައީސް މަުއުމޫން ތަސްދީގު ކުރައްވަނީ

އަދި ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، ވެރިކަން ކުރުމުގެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމެއް އެކަށައެޅީ ޚާއްސަ މަޖިލިހުގައިވެސް، ރިޔާސީ ބަރުލާމާނީގެ ގެއްލުމާ ފައިދާއާއި ބެހޭގޮތުން އެތަކެއް ބަހުސް ތަކެއް ކުރެވި، އަދި ސިޔާސީ ފަރާތްތަކުން އެބަޔަކު ތާއީދު ކުރި ވެރިކަމުގެ ނިޒާމަކަށް ތާޢީދު ހޯދުމަށް ކުރެވުނު ވާދަވެރިކަން ބޮޑު ކެމްޕޭނަކަށްފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ދިވެހި ރާއްޖޭގައި ވެރިކަން ކުރާނޭ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި އެކަށައެޅިގެން ދިޔައީ، 2007 ވަނަ އަހަރު ނެގިގެން ދިޔަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން، ބޮޑު އަޣުލަބިއްޔަތަކުން ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމުގައި ރައްޔިތުން ނިންމުމާ ގުޅިގެންނެވެ.

 

މުޅި ދައުލަތް އެތުރިފައި އޮތީ ރިޔާސީ ނިޒާމުގެ އޮނިގަޑުގެ މައްޗަށް

2007 ވަނަ އަހަރު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމުގައި ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކުން ނިންމަށްފަހު އެކުލަވާލެވުނު ގާނޫނު އަސާސީގެ ހުރިހާ އަސާސްތަކެއް އެކަށައެޅިފައިވަނީވެސް ރިޔާސީ ނިޒާމުގެ އަސާސްތަކުގެ މައްޗަށެވެ. އަދި، އެގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު މިނިވަން މުވައްސަސާތަކާ، އަދި ހެދިފައިހުރި ހުރިހާ ހުރިހާ ގާނޫނު ތަކެއްވެސް އެކަށަ އެޅިފައިވަނީ، ރިޔާސީ ނިޒާމް އަސާސަކަށް ބަލައިގެންނެވެ.

ހަމަ އެއާއެކު، ދައުލަތުގެ އެކި ގިންތިތަކުން ދައުލަތުގެ މުވައްސަސާތަކަށް ޖަވާބު ދާރީވުމާއި، އެއްބާރު އަނެއް ބާރަށް ފާރަވެރިވާނެ އުސޫލުތައްވެސް އެކަށަ އެޅިފައިވަނީ ރިޔާސީ ނިޒާމުގެ އަސާސްތަކަށް ބެލިގެންނެވެ. މީގެތެރޭގއި ވަޒީރުންގެ މަޖިލީހެއް އޮވެފަ، އެ ވަޒީރުންގެ މަޖިލީހުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމާއި، ރައްޔިތުންގެ މަޖިލީސް އޭގެ ޒާތުގައި ޖަވާބު ދާރީކުރެވެން ހުރި އުސޫލުތަކާއި، ފަޑިޔާރު ގެތައް ތަރުތީބު ކުރެވިފައި ހުރި ގޮތްތަކާއި، ފަޑިޔާރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމާއި، ފަޑިޔާރުން މަގާމަށް އައްޔަން ކުރުމާއި، މަގާމުން ވަކި ކުރުމާއި އަދި މިހެންގޮސް މުޅި ދައުލަތް ތަރުތީބު ކުރެވިފައި ހުރީ، ރިޔާސީ ނިޒާމެއްގެ އުސޫލުތައް އަސާސަކަށް ބަލައިގެންނެވެ.

އެހެންނަމަވެސް، މިއަދު ރާއްޖޭގައި ވެރިކަން ކުރަމުން އަންނަނީ ރިޔާސީ ނިޒާމަކުން ކަމުގައިވި ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކަކޭ އެއްފަދައިން، ދިވެހި ރާއްޖޭގައިވެސް މިއޮތް ރިޔާސީ ނިޒާމަކީ، ބަރުލަމާނީ ސިފަތަކެއް ނެތް ރިޔާސީ ނިޒާމެކޭ ދެންނެވޭކަށްވެސް ނެތެވެ. އަދި މިއީ މުޅި ދުނިޔޭގައިވެސް މިހާލަތު އޮތް ގޮތްވެސްމެއެވެ.

މިގޮތުނ،ް ބަރުމާނީ ނިޒާމުގެ ސިފަތައް އެންމެ ބޮޑަށް އަށަގެންފައި އޮތް އެއް މުވައްސަސާއަކީ ރައްޔިތުންގެ މަޖިލިހެވެ. އެއީ އެމަޖިލިސް އެތުރުފައި އޮތް ގޮތަކުންނެއް ނޫނެވެ. މަޖިލުހުގެ ތެރެއިން ބަރުލަމާނީ ސިފަތައް ފެންނަމުންދަނީ، މަޖިލީހުގެ ރިޔާސަތުންނާއި މެމްބަރުން އަމަލް ކުރުމުންދާ ގޮތްތަކެއްގެ ސަބަބުންނެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލިހުން ފެންނަނީ، މުޅި ދައުލަތުގެ ހުރިހާ މުވައްސަސާއަކަށް ގޮތް ކިޔަމުންދާ މަންޒަރެވެ. ގައުމުގައި ހިނގާ ހުރިހާ ކަމަށް މި މަޖިލިހުން ބަސްކިޔައެވެ. މައްސަލަތައް ތަހުގީގު ކުރެއެވެ. އަދި އެވަރުން ނުވެގެން މިހާރުގެ ރައްޔިތުންގެ މަޖިލިހުން، ދައުވާ ކުރުމަށްޓަކާ މައްސަލަތައް ޕީޖީއަށް ފޮނުވާފައިވެސް އެބަހުއްޓެވެ.

ގާނޫނު ހެދުމުގެ ޒިންމާ ދޫކޮށް، މަޖިލީހުން ސިޔާސީ ކަންކަމަށް އިސްކަން ދޭކަމުގެ ކަމުގެ ޝަކުވާ ގިނަބަޔަކު ކުރޭ

އެހެންނަމަވެސް، މި އަދުގެ ރައްޔިތުންގެ މަޖިލިސް، ރިޔާސީ ނިޒާމުގައި އެމަޖީލަށް ލިބިގެންވާ ސިފަތަކާއި ފުށުއަރާ އުސޫލުން ބައެއް ކަންކަން ކުރިޔަށް ގެންދިޔަ ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިގަމުންދަނީ، ގާނޫނު އަސާސީގައި އެކަށައެޅިފައިވާ ރިޔާސީ ނިޒާމުގެ ސިފަތައް ވަރަށް ފުރިހަމަޔަށް ބަލައިގަނެ، އެއުސޫލުން ކަމުގައި ދެންނެވިދާނެއެވެ.

އެހެންކަމުން، ދިވެހި ރައްޔިތުންގެ ރުހުމާއެެކު، ރިޔާސީ ނިޒާމެއް ބަލައިގަތްތާ 14 އަހަރަށްފަހު، މިއަދު އަލުން ބަރުލަމާނީ ނިޒާމަކަށް ރުޖޫޢަވާން ބޭނުވިޔަސް ކުރަން މިޖެހެނީ ކިހާވަރެއްގެ ބުރަ މަސައްކަތެއްކަން މިއަދު ވަޒަން ކޮށްލަން އެބަޖެހެއެވެ.

ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހެއެވެ. ތިންބާރު ވަކިވެފައި އޮތް ގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލިހުގެ ދައުރު އަލުން ތަރުތީބުކޮށް ބަޔާން ކުރެވެން ޖެހެއެވެ. ދުއުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ބޮޑުވަޒީރެއްގެ ދައުރު އެކަށައަޅާ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ ހައިސިއްޔަތާއި ދައުރު، މުޅިން ބަދަލުވެގެން ދާނެއެވެ. އަދި އަމުދުން، ބަރުލަމާނީ ނިޒާމެއްގައި ކެބިނެޓް އެކުލެވިފައި އޮންނާނީ މަޖިލިހުގެ ތެރޭގައި ކަމަށްވާތީވެ، ވަޒީރުންގެ މަޖިލިހުގެ ހައިސިއްޔަތާއި، މަސައްކަތް ކުރާ ގޮތާއި އަދި ވަޒީރުންގެ މަޖިލިސް ޖަވާބުދާރީ ވާންޖެހޭ ގޮތްވެސް މުޅިން ބަދަލުވެގެން ދާނެއެވެ.

ހަމަ އެފަދައިން، ދައުލަތުގެ މުވައްސަަސާތަކުން ޖަވާބުދާރީ ވުމާއި، ޒިންމާދާރު ކުރުވުމާއި، އެކަމަށް އެކަށައެޅިފައިހުރި އެންމެގާ ގާނޫނުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވެން ޖެހެއެވެ.

މި ހުރިހާ އުސޫލުތަކެއް އަލުންލިޔެވި ގާނޫނު އަސާސީގައި ބަޔާން ކުރެވޭއިރު، މިހާރު އަމަލް ކުރަމުންދާ ގާނޫނު އަސާސީގައި އޮތްގޮތުން، ނިޒާމަށް ބަދަލެއް ގެންނަނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް ދާން އެބަޖެހެއެވެ.

ކުރުގޮތަކަށް ދަންނަވަނީނަމަ، ދައުލަތުގެ ގިނަ ބާރުތަކެއް މަޖިލިހުގެ ތެރެއަށް ޖަމާ ކުރުމަށްޓަކާ، އާގާނުނު އަސާސީން އެކަށަ އަޅާފައޮތް ވެރިކަމުގެ ނިޒާމު އެފުއްމިފުށަށް ޖަހަން ޖެހޭނެއެވެ.

ކޯވިޑުން އަރައި ނުގަނެވިގެން އުޅެނިކޮށް އަނެއްކާވެސް، ދައުލަތުގެ މާލިއްޔަތުން 80 މިލިއަން ރުފިޔާ ބޮޑު ޚަރަދެއް ކޮށްގެން ގައުމީ ފެންވަރުގެ އިންތިޚާބެއްވެސް ބާއްވަން ޖެހުނީއެވެ. ސިޔާސީ ޕާޓީތަކުން ބޮޑު ހޭދައެއް ކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްގެން ރިޔާސީ އިންތިޚާބާ އެއްވަރުގެ އަގުބޮޑު ކެމްޕޭނަކާ ކުރިމަތި ލާންވެސް ޖެހުނީއެވެ.

ސުވާލަކީ، މިވަރުގެ ބޮޑު ގުރުބާނީއެއް ވެގެން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ހަމަ ހަގީގަތުގައި ޖެހުނީތޯއެވެ؟ މިހާރު ވެރިކަން ކުރަމުންދާ ވެރިކަމުގެ ނިޒާމު ހަގީގަތުގައިވެސް ކަމުނުގޮސްގެން، މިނޫންގޮތެއް ކޮންމެހެންވެސް ހޯދާންޖެހިގެން، ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއް ކޮށްގެން، ބަރުލާނީ ނިޒާމަކަށް ގައުމު ހަގީގަތުގައިވެސް މިއޮތީ ދާން ޖެހިފައިތޯއެވެ.؟

އެމްޑީޕީން މިހާރުވެސް ވަނީ ބަރުލަމާނީ ކެމްޕޭން ފައްޓާފަ

އެމްޑިޕީ ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ދެކޮޅު

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަކުރުމަށް ސިޔާސީ މަސްރަހުގައި އަދި ވަކާލާތު ކުރަމުންދާތަން ފެންނަނީ، އެމްޑިޕީގެ ރައީސް ނަޝީދު ގިނިކަންޏާއެވެ. ޚުދު އެމްޑީޕީގެ އެންމެ އިސްފަރާތް ކަމުގައިވާ، ރައީސުލްކުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުވެސް، ބަރުލަމާނީ ޒިނާމަކަށް ދިއުމަށް ތާއީދު ނުކުރައްވާކަން ވަނީ ފާއިތުވެދިޔަ ތަނުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން ސާފުވެގެން ގޮސްފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގައެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާމުހިންމު ކަމުގައެވެ.

އެހެންކަމުން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ، ނަޝީދު ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގެ ޖަވާބަށް އެކަނި ވިސްނާލުމުންވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ބަދަލުކުރުމަށް އެމަނިކްފާނު ތާއީދު ނުކުރައްވާކަން ވަރަށް ރަގަޅަށް ސާފުވެގެން ގޮސްފައި ވެއެވެ.

ހަމަ އެއާއެކު، އެމްޑީޕީ ފިޔަވާ ރާއްޖޭގެ އުފެދިފައިވާ އެހެން ހުރިގާ ސިޔާސީ ޕާޓީއަކުންވެސް ވަނީ، ނަޝީދު ގެންގުޅުއްވާ ނިޒާމު ބަދަލުކުރުމުގެ ވިސްނުމާ ފާޅުގައި ދެކޮޅު ހައްދަވާފައެވެ. މިގޮތުން ޕީޕީއެމް، ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމް އަދި އަދާލަތު ޕާޓީންވެސްވަނީ ނަޝީދުގެ ވިސްނުމާއި ސީދާގޮތުން ދެކޮޅު ހައްދަވާފައެވެ.

އެހެންކަމަށްވާއިރު، ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން، ރާއްޖޭގެ ސިޔާސީ އެހެން ހުރިހާ ޕާޓީއަކާދެކޮޅަށް ފަލި ޖައްސަވައިގެން ނަޝީދަށް ނުވަތަ އެމްޑިޕީއަށް، މިގޮތުން ނެގޭ ރެފަރަންޑަމެއް ކާމިޔާބު ކުރެވިދާނެތޯ، މިއީ ކިޔުންތެރި ޖަވާބުދެއްވުން ހަމަ އެއްމެ ރަގަޅު ސުވާލެކެވެ.

ދިވެހިން ރިޔާސީ ނިޒާމެއް ބަލައިގަނެ، އެނިޒާމް ތަންފީޒުކުރަމުން ދާތާ 14 ވަރަކަށް އަހަރު ފުރުނުތަނާ، އަނެއްކާ އެބުރި އައިކޮޅަށް ދަތުރުކޮށް، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ އޮނިގަޑު، ކޮށާ މަށައިގެން ބަދަލު ކުރުމުގެ ބުރަ މަސައްކަތާއި ކުރިމަތިލާން ހަގީގަތުގައިވެސް ޖެހުނީތޯ، މިއީ މިދަޅިވަޅުގައި ޖަވާބު ހޯދާންޖެހޭ ސުވާލެކެވެ.

އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމުގައި ރައްޔިތުން ބަލައިގަތީ، 2007 ވަނަ އަހަރި ރައީސް މައުމޫން އިސްވެ ހުންނަވާ ކުރެއްވި ކެމްޕޭންތަކަށްފަހު

އަދި ހަމަ އެއާއެކު، މި ގުރުބާނީވާން ރައްޔިތުން ތިބީ ތައްޔާރަށްތޯވެސް އެބަ ސުވާލު ކޮށްލަން ޖެހެއެވެ.

ކަށަވަރުވެ ޔަގީންވާ ކަމަކީ، ސިޔާސީވެރިން ވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމެވެ. އެއީ ދުނިގޭގެ ހުރިހާ ގައުމެއްގައިވެސް އެކަން ހިގާ އުސޫލެވެ.

އެހެންނަމަވެސް، ވެރީން ވެރިކަން ހޯއްދެވުމަށް ކުރާ މަސައްކަތްތަގެ ޖަޒުބާތުވެސް ހުންނަ މިޖެހެނީ ގައުމަށް ކަތާ މިންވަރަކުންކަން މިއީވެސް ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކެނެރީގޭ ބުއްޅަބެ ވެރިކަމަށް ހޭބަލިވެ ފެންބޮވައިގަނެފަ ހުރިލެއް ބޮޑުކަމުން ލަދެއްހަޔާތެއް ނެތި އިބޫއަށް އަށްވެސް އާދޭސްކުރަނީ ވެރިކަމާއިހެދި ދިވެހިންގެ މިފަސްގަނޑަށް ބޮޑުވެގެންވާ ލޮޓިއެއްދޭން ވަރަށް ވަރަށްސާފް

Leave a Reply

Your email address will not be published. Required fields are marked *