ޢަލީ ވަޙީދުގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި

ޢަލީ ވަޙީދުގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި

Author
މުޙައްމަދު ޖިމީ
06 ޖުލައި 2021 05:02
0

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ފެށުމަށް ތައާވަލުކުރި އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަލީ ވަހީދުގެ ޝަރީޢަތުގައި އޮންލައިންކޮށް ބައިވެރިވާން އޭނާ އެދުމުން ކޯޓުން ވަނީ އެފުރުސަތު އަލީ ވަހީދަށް ދެއްވާފައެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ ނިންމުން ބަލައި ނުގަނަވޭނަކަމަށް ވިދާޅުވެ، އެ ނިންމުން ހައިކޯޓްގައި އިސްތިއުނާފްކޮށްފައެވެ. އެގޮތުން މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ތަޢާވަލުކޮށްފައި އޮތީ މިއަދު މެންދުރު ފަަހު 03:30އަށެވެ. ހައިކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރީ އިދާރީގޮތުން ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުންކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަވަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ.

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ ބޭސްފަރުވާއަށެވެ. ނަމަވެސް ކޯޓުން އޭނާއަށް ދީފައިވާ މުއްދަތު ވަނީ ހަމަވެފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުލުހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ 7 ދައުވާއެއް އުފުލާފައެވެ. ނަމަވެސް އޭނާ ދައުވާތަކަށް އިންކާރުކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.