ކުރިއަށް އޮރް ރިޔާސީ އިންތިޚާބު ރައީސް ޢަބްދުﷲ ޔާމީނަށް ކާމިޔާބުވުމުގެ ފުރުޞަތު އަންނަނީ ފުޅަވަމުންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރޭ އޮތް “އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް އެއްވެސް އިރެއްގައި ދެރަގޮތެއްވާން ނޭދޭކަމަށާއި، ރައީސް ޔާމީނަސްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެކަމަށެވެ. އަދި ބަރުލަމާނީ ނިޒާމް ގެންނަން އެމްޑީޕީން ކުރާ މަސައްކަތަށް އިދިކޮޅު ޕީޕީއެމްއިން ތާއީދުކުރާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށްވެސް ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް އިޝަރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ތާޢީދު އެންމެ ބޮޑު ސިޔާސީ ލީޑަރަކީ ރައީސް ޔަމީންކަމަށާއި، 2023ގައި ރައީސް ޔާމީނަށް ކާމިޔާބު ވުމުގެ ފުރުޞަތު އަންނަނީ ފުޅަވަމުންކަމަށެވެ. ޕީޕީއެމް ޕީއެންސީގެ ތާޢީދު އޮންނަނީ ރައްޔިތުން ނިންމާފައިވާ ރިޔާސީ ނިޒާމަށްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ ތާޢީދު އެންމެ ބޮޑު ސިޔާސީ ލީޑަރަކީ ރައީސް ޔަމީން. އިންޝާﷲ 2023ގައި ރައީސް ޔާމީނަށް ކާމިޔާބު ވުމުގެ ފުރުޞަތު އަންނަނީ ފުޅަވަމުން. ޕީޕީއެމް ޕީއެންސީގެ ތާޢީދު އޮންނަނީ ރައްޔިތުން ނިންމާފައިވާ ރިޔާސީ ނިޒާމަށް.
– އާދަމް ޝަރީފް
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ރޭ ރައީސް ނަޝީދު ވަނީ، ބަރުލަމާނީ ނިޒާމު ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ބަރުލަމާނީ ނިޒާމް ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ