ނޯވޭގެ އެންމެ ބޮޑު ޕެންޝަން ފަނޑު ކަމުގައިވާ ކޭއެލްޕީއިން، އިސްރާއީލުން ހިފާފައިވާ ހުޅަގު އައްސޭރީގެ ބިންތަކުގައި ހިނގާ އެއްވެސް މަޝްރޫއަކާ ނުވަތަ މަސައްކަތަކާ ގުޅުންހުރި 16 ކުންފުންޏެއްގައި އިންވެސްޓް ކުރިން ހުއްޓާލާފައިވާކަން އިއުލާން ކޮށްފިއެވެ.
މީގެތެރޭގައި، މޮތްރޯލާ އަދި އެލްސްޓޮމް ކުންފުނިވެސް ހިމެނެއެވެ.
ދުނިޔޭގެ ގިނަ އެހެން ގައުމުތަކެކޭ އެއްފަދައިން، ނޯވޭއަކީވެސް، ހުޅަގު އައްސޭރީގައި އިސްރާއީލުން ކުރަމުންދާ އިމާރާތްތަކަކީ ބައިނަލް އަގުވާމީ ގާނުނުތަކާ ޚިލާފަށް ހަދަމުންދާ އިމރާތްތަކެއް ކަމަށް ގަބޫލުކުރާ ގައުމެކެވެ.
2020ވަނަ އަހަރު ޔޫއެންއިން ނެރުނު ރިޕޯޓެއްގައި ވާގޮތުން، އިސްރާއީލުން 650،000 މީހުން އާބާދު ކޮށްފައިވާ މި ސަރަހައްދުގައި ހިގާ މަސައްކަތްތަކާ އަދި ޕްރޮޖެކްޓްތަކާ ގުޅުންހުރި 112 ކުންފުންޏެއްވަނީ ފާހަގަ ކުރެވިފައެވެ.
ނޯވޭގެ އެންމެ ބޮޑު ޕެންޝަން ފަންޑު ކަމުގައިވާ ކޭއެލްޕީއިން ނެރެފައިވާ ބަޔާނެއްގަި ބުނެފައިވަނީ އިސްރާއީލުން ހިފާފައިވާ ހުޅަގު އައްސޭރީގެ މި ސަރަހައްދުގައި ދިރިއުޅެމުންދާ އިސްރާއީލުގެ އާބާދީއަށް ތަފާތު ެކި ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރޭގައި ތެލެކޮމް، ބޭންކިންގ، ހަމަތަ އަދި އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ ކުންފުނިތައް ހިމެނޭ ކަމަށާއި، އަދި މި ކުންފުނިތަކުން، ހިފާފައިވާ ބިންތަކުގައި ހަރަކާތްތެރިވަމުން ގެންދިއުމުގެ ސަބަބުން، ބައިނަލްއަގުވާމީ ގާނޫނުތަކަށް މި ކުންފުނިތަކުން އަރައިގެންފައިވާ ކަމަށް ނިންމުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މިހާލަތުގައި މިކުންފުނިތަކުގައި އިންވެސްޓު ކުރުމަކީ، ކޭއެލްޕީގެ ގައިޑްލައިންތަކާއި ޚިލާފްކަމެއް ކަމުގައިވެސް ޕެންޝަން ފަންޑުގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
"ކޭއެލްޕީން ހަދާފައިވާ އެސެސްމަންޓުން ދައްކާފައިވާ ގޮތުގައި، އިސްރައީލުން ހިފާފައިވާ ބިންތަކާއި މި ކުންފުނިތަކާ ހުރި ގުޅުންތަކުގެ ސަބަބުން، ހަގުރާމައިގެ ހާލަތުގައި ނުވަތަ ހިގާ ހަމަނުޖެހުންތަކުގައި މި ކުންފުނިތަކަކީ، އިންސާނީ ހައްގުތަކަށް އަރައިގަތުން ނުވަތަ އެކަންކަމަށް ހިތްވަރު ދޭ ކުންފުނިތަކެއްގެ ގޮތުގައި ބެލެވިދާނެކަމުގެ ރިސްކު ގަބޫލު ކުރެވޭ މިންވަރަށްވުރެ ބޮޑަށް އެބައޮތް،" ކޭއެލްޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޭއެލްޕީ ޕެންޝަން ފަންޑުގެ މި ނިންމުން އައިސްފައި މިވަނީ، ފާއިތުވެދިޔަ މޭމަހު، ނޯވޭގެ ސޮވެރިންގ ވެލްތު ފަންޑުން، ހިފާފައިވާ ބިންތަކާ ގުޅުންހުރި ކޮންސްޓްރަކްޝަން އަދި ރިއަލްއެސްޓޭޓްގެ ވިޔަފާރިކުރާ ދެ ކުންފުންޏެއް އެ ފަންޑުން ބޭރު ކޮށްފައި ވަނިކޮށެވެ.
ކޭއެލްޕީން ބުނެފައިވަނީ، މި ކުންފުނިތަކުގެ، 31.8 މިލިއަން ޑޮލަރުގެ އަގުހުރި ޝެއަރތައްވެސް މިހާރު އެކުންފުނިން ވިއްކާލާފައިވާ ކަމަށާއި އަދި މި މުޢާމަލާތް ފާއިތުވި ޖޫންމަހުގެ ނިޔަލަށް މުޅިން ނިންމާލާފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނޭ މޮޓްރޯލަރ އަދި އެލްސްޓޮމް ކުންފުނީގެ ބޮންޑުވެސް ވަނީ ވިއްކލާފައެވެ.
މިގޮތުން، ބޯޑަރ ސާވެއިލަންސްއަށާއި، އަދި ވީޑިއޯ ސެކިއުރިޓީ ފޯރުކޮށް ދިނުމުގައި، އިސްރާއީލުން ހިފާފައިވާ ބިންތަކުގައި މޮޓްރޯލަރ ކުންފުނިން ހަރަކާތްތެރިވަމުން ދާތީ، އެކުންފުނީގެ ހިއްސާ ވިއްކާލުމަކީ ވަރަށް ފަސޭހަކަމެއް ކަމުގައިވެސް ކޭއެލްޕިން ބުނެފައި ވެއެވެ.
ކޭއެލްޕީން ބުނެފައިވާ ގޮތުގައި، ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބެޒެޤް އަދި ސެލްކޮމް އިސްރާއީލް، ޕެންޝަން ފަންޑުގެ ޚިދުމަތްތަކުން ބޭރުކުރަން ޖެހުނީ މިކުންފުނިތަކުން، ހިފާފައިވާ ބިންތަކުގައި އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިމާރާތްތަކަކީ ދިރިއުޅޭން ފަސޭހަ ތަންތަނުގެ ގޮތުގައި ހެދުމަށް އެހީތެރިވަމުން ދާތީއެވެ. އަދި ބޭންކުގެ ޚިދުމަތް ދޭ ފަރާތެއް ކަމުގައިވާ ލިއުމީންއިން މި ތަންތަނުގައި ކުރެވޭ އިމާރާތްތަކަށް ފައިނޭންސް ކުރަމުންދާތީ އެ ކުންފުނީގަވެސް ޕެންޝަން ފަންޑުން އިންވެސްޓްކުރުން ވަނީ ހުއްޓާލާފައެވެ.
ހަމަ މިގޮތަށް، ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގ ގްރޫޕްތައް ކަމުގައިވާ އެލްސްޓޮމް އަދި ލޯކަލް އޭޖެންޓުން ކަމުގައިވާ އެޝްޓްރޮމް އަދި އިލެކްޓްރާ ކުންފުނިން، ހިފާފައިވާ ބިންތަކުގައި އިމާރާތް ކުރަމުން ގެންދާތިއާއި، އަދި ޕެޒް އޮއިލް ކުންފުނިން މި އިމާރާތްތަކަށް ކަރަންޓާއި ހަކަތައިގެ އެހެން ޚިދުމްތައް ފޯރުކޮށްދެމުން ދާތީ، މި ކުންފުނިތައްވެސް ވަނީ ޕެންޝަން ފަންޑުގެ ޚިދުމަތްތަކުން ބޭރު ކޮށްފައެވެ.
ކޭއްލްޕީ ޕެންޝަން ފަންޑުން އިންވެސްޓު ނުކުރުމަށް ހަމަޖައްސާފައިވާ އެހެން ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ބޭންކް ހަޕޯލިމް، އިސްރާއިލް ޑިސްކައުންޓް ބޭންކް، މިޒްރާހި ޓެފަހޮތް ބޭންކު، ޑެލެކް ގުރޫޕް، އެނާޖިކްސް ރިނެވެބްލް އެނާޖިސް، ފާސްތް އިންޓަރނޭޝަނަލް ބޭންކް އޮފް އިސްރާއީލް އެންޑް ކޮމިއުނިކޭޝަންސް ހިމެނެއެވެ.
ޓެލެކޮމް ކުންފުންޏެއް ކަމުގައިވާ އާލްޓިސް، 2021 ވަނަ އަހަރުގެ ޖެނުއަރީމަހާ ހަމައަށް ލިސްޓު ކޮށްފައި އޮތް ނަމަވެސް، ކޭއެލްޕީން ވަީ މި ކުންފުނިވެސް ޕެންޝަން ފަންޑުން އިންވސްޓް ނުކުރާ ކުންފުނިތަކުގެ ތެރޭގައި ހިމަނާފައެވެ.