2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓަކަށް ޕްރައިމަރީން ހޮވިގެން ނުކުންނަވާނީ އެމަނިކުފާނު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"އާސްކް ސްޕީކަރ"ގެ 3 ވަނަ ޕްރޮގްރާމުގައި އިނގިރޭސިވިލާތުގައި ހުންނަވައިގެން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބުކޮށްގެން އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ އެމަނިކުފާނު ކަމަށެވެ.
ނަމަވެސް 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ ކަމަށެވެ.
މި ގޮތުން 2023 ގެ ވަކި ހިސާބަކުން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ކަން ކުރާނީ ރާއްޖޭގެ އެންމެ މައި ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،"
ބަރުލަމާނީ ނިޒާމް ގެންނާކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސް ނާޅުއްވާ ކަމަށް ވެސް ނަޝީދު މިރޭ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައިގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ