ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަޝްމަލީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން މުއްދަތު ޖަހައިފި އެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޮލަންބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުން އަޝްމަލީގެ ވަކީލު ކޯޓުގައި ބުނި ގޮތުގައި އަޝްމަލީ އޮންލައިންކޮށް އޮއިލް މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކުރި އެވެ. އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔައީ ކަމަށެވެ. އެ މަސާޖު ކަމުނުދިޔަ ކަމަށާއި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް އަޝްމަލީ ބުނެފައިވާ ކަމަށް ވަކީލު ބުންޏެވެ.
ވަކީލު ބުނި ގޮތުގައި އެ ކުއްޖާއަކީ ކުޑަކުއްޖެއް ކަމެއް އަޝްމަލީއަށް ނޭނގެ އެވެ.
18 އަރުން ދަށުގެ ކުއްޖަކާއެކު ޖިންސީގުޅުން ހިންގިކަން ސާބިތު ވެއްޖެނަމަ ސްރީލަންކާގެ ގާނޫތަކުން ކަނޑައަޅާފައި ވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. ކުޑަ އަންހެން ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ތަހްގީގު ކުރަމުން ދަނީ ބޮޑު ސަމާލުކަމެއް ދީގެންނެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ތަހްގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަހެއްހާ ދުވަސް ވެއްޖެ އެވެ.
ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ލަންކާ ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އޭނާ އަކީ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެމީހާ ކުއްޖާއާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭތޯ ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ، މައްސަލައިގެ ތަހުގީގު އަދި ކުރިއަށްދާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ