ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު ކިޔާ ބިދޭސީ މީހާ މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތަޢާވަލުކޮށްފިއެވެ.
ލުތުފަރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލުތުފަރާއެކު އެއްބޯޓެއްގައި މަސައްކަތްކުރި ތިން މީހުންކަމަށްވާ އަލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަޚްތަރު ހުސެއިންގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާއެވެ. ލުތުފަރު މަރާލާފައިވަނީ ކުރިމަގު ބޯޓުގެ ތައްޓު މައްޗަށް ލުތުފަރު ވައްޓާލައި ނޭވާ ހާސްކޮށްލައިގެންކަމަށްވެސް މިމައްސަލައިގެ ދައުވާގައިވެއެވެ. މިމައްސަލައިގެ އަޑުއެހުން ވަނީ މާދަމާ ހެނދުނު 09:30 ގައި ބޭއްވުމަށް ތަޢާވަލުކޮށްފައެވެ.
ކުރިމަގު ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މަރާލާފައިވާ ލުތުފަރުގެ ހަށިގަނޑު ހޯދާފައިވަނީ ކަނޑުގެ އަޑިންނެވެ. މި ބައިތައް ހޯދާފައިވަނީ އޭނާގެ ހަށިގަނޑު އޮތްކަމަށް ބެލެވޭ ސަރަހައްދު ޑައިވްކޮށްގެން ބެލިބެލުމުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ބަނގުލަދޭޝްއަށް ނިސްބަތްވާ 40 އަަހަރުގެ ލުތުފަރު ގެއްލިގެންް ރިޕޯޓްކޮށްފައި ވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ