ބޯހިޔާވަހިކަމަށް ބޭނުމީ ދާއިމީ ހައްލެއް! "ފުލެޓް ލައިފް"އަށް ވުރެ ދުރަށް ވެރިން ވިސްނަވަން އެބަޖެހޭ!

ބޯހިޔާވަހިކަމަށް ބޭނުމީ ދާއިމީ ހައްލެއް! "ފުލެޓް ލައިފް"އަށް ވުރެ ދުރަށް ވެރިން ވިސްނަވަން އެބަޖެހޭ!

ބޯހިޔާވަހި ކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ގައުމީ އެންމެ ބޮޑު ކާރިސާއެވެ.

އަދި ގައުމީ މިކާރިސާއަކީ، ފާއިތުވެދިޔަ އެއްވެސް ދައުރެއްގައި، އެއްވެސް ސަރުކާރަކަށް ހައްލު ހޯދާދެވހިފައި ނުވާ ކާރިސާއެއްވެސް މެއެވެ. އެތައް ޒަމާނެއް ވަންދެން ދިވެހި ރައްޔިތުން ތަހައްމަލް ކުރަމުންދާ ބޯހިޔާވަހި ކަމުގެ މި ބޮޑު ކާރިސާއަށް ހައްލު ހޯދާ ދިނުމުގައި އިއްޔެވެސް މިއަދުވެސް، ހުރިހާ ސަރުކާރަކުންވެސް ގެންގުޅެމުން އައިސްފައިވާ ސިޔާސަތު ވަނީ ފެއިލް ވެގެން ގޮސްފައެވެ.

އެހެންނަމަވެސް، ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، ކޮންމެ ސަރުކާރަކުންވެސް، ވެރިކަމަށް އަންނަނީ، ރައްޔިތުންނަށް ކުރިމަތިވެފައި މިވާ ގެދޮރު ނެތުމާއި، ގެދޮރު އިމާރާތް ކުރެވޭނެ މަގެއް ފަހިވެފައި ނެތުމާއި، އަދި މީގެ އިތުރުން، ގެދޮރު އިމާރާތް ކުރެވުނަސް ގެދޮރު ހުރި ތަންތަނުގައި ދިރިއުޅެވޭނެ ގޮތެއް ފަހިވެފައި ނެތުމުގެ މައްސަލައަށް ހައްލު ހޯދާ ދޭނެކަމުގެ ފޮނި ވައުދުތަކާ އެކީގައެވެ.

މިގޮތުން ފާއިތުވެދިޔަ ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ސިޔާސީ ޕާޓީތަކުންނާއި، ރިޔާސީ ކެނޑިޑޭޓުންވެސް ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދިރިއުޅުމުގެ ދަތިކަން ހައްލު ކޮށްދިނުމުގެ ވައުދުތަކެވެ.

އެހެނަމަވެސް ހިތާމައަކީ، ފާއިތުވެދިޔަ ހުރިހާ ވެރިކަމެއްވެސް ނިމިގެން ދިޔައީ، ވީވައުދުތައް ބިލާހަކަށް ވެގެން ކަމުގައި ވުމެެވެ. އެ ވައުދުތަކަށް އިތުބާރުކޮށް ވޯޓުދިން ރައްޔިތުންނަަށް ކޮޅު ކެހި ލިބިގެން ކަމެވެ.

ރައީސް ސޯލިހުވެސް ވެރިކަމަށް ވަޑައިގެންނެވީ ބޯހިޔާވަހި ކަމުގެ މައްސަލައަށް ދާއިމީ ހައްެލެއް ހޯއްދަވާ ދެއްވުމުގެ ވައުދުތަކާ އެކީ

ކުރިމަތިވެގެން މިއުޅޭ މައްސަލައަކީ ކޮބާ؟

ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަކީ، ވަރަށްވެސް ބޮޑު މައްސަލައެކެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތިގެން، އޭގެ ނިކަމެތިކަން އިހުސާސް ނުކުރެވޭ ބަޔަކަށް ހަގީގަތުގައި މައްސަލައިގެ ބޮޑުކަން އިހުސާސްކޮށްލުން ދަތި ވެދާނެއެވެ.

އަދި ސިޔާސީ ފަރާތްތަކުން، ގައުމީ ބޮޑު ކާރިސާއަކަށް ވެގެން ގޮސްފައިވާ ބޯހިޔާވަހި ކަމުގެ ވާހަކަތައް ޖަޒްބާތީ ގޮތުން، ކެމްޕޭންތަކުގައި ދެއްކި ކަމުގައިވި ނަމަވެސް، މިވާހަކަތަކަކީވެސް، ހަގީގަތުގައި، މިމައްސަލާގެ ހަގީގީ ސަބަބުތަކާ، އަދި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުން ނިކުންނަށް މައްސަލަތަކުގެ އަސްލުތައް އެގިތިބެ ދައްކާވާހަކަތަކެއް ނޫންކަން އެގި ކަށަވަރުވަނީ، ބާރުތައް އަތަށް އެރުމުން މިއިން އެއްވެސް ސިޔާސީ މީހަކަށް ފާއިތުވެދިޔަ ތަނުގައި މިމައްސަލަތަަކަށް އެކަށީގެންވާ ހައްލެއް ހޯދާ ދެވިފައި ނުވާތީއެވެ.

އަދި ހަމަ އެފަދައިން، ގައުމީ ނިސްބަތެއްގައި، ދިވެރި ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ އަސްލު ދެނެގަތުމަށާއި، އަދި މިމައްސަލައަށް ބޭނުންވަނީ ކޮން ބާވަތެއްގެ ހައްލެއްތޯ ދެނެގަތުމަށް އެކަށީގެންވާ ދިރާސާއެއްވެސް މިހާތަނަށް ކުރެވިފައި ނުވުމަކީވެސް، މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްވެސް މެއެވެ.

މިގޮތުން ބަލާއިރު، މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ އަސްލުތައް، ކުރެވިފައިވާ ދިރާސާތަކެއްގެ މައްޗަށް ދެނެގަނެވިފައި ނުވާއިރު، މިމައްސަލަތައް ހުއްލުކުރުމުގައި ރައްޔިތުންގެ އިހުސާސް ހުރީ ކޮންގޮތަކަށް ކަންވެސް މިހާތަނަށް އެއްވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިފައެވެ ނުވެއެވެ.

އެހެންކަމުން، އިއްޔެވެސް މިއަދުވެސް، ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ގިލަންވެރިކަމަށް ހައްލު ހޯދުމަށް ސަރުކާތަކުން މަސައްކަތް ކުރަމުން އައިސްފައިވަނީ، ހަމަ އެކަނި ވައުދު ފުއްދުމުގެ ބޭނުމުގައި އެކަނިކަން، މިހާތަނަށް މިމަގުން ކޮށްފައިވާ މަސައްކަތްތަކަށް އެކަނި ވިސްނާލިއަސް އެގެން އެބައޮތެވެ.

މީގެ އެއް މިސާލަކީ، ރައީސް ޔާމިންގެ ސަރުކާރުން އެޅި ހިޔާ ފުލެޓްތަކެވެ. ހިޔާ ފްލެޓް މަޝްރޫއުގެ ނަމުގައި، ހުޅުމާލޭގެ ދެވަ ފޭހުގައި އަޅާފައިވާ ފްލެޓްތަކުގެ ސައިޒު ކުޑަވެގެން އެތައް ބަޔަކު އެތަނަށް އަދި ނުވަންނަނީސް ޝަކުވާ ކުރަމުންދަނީ ހަގީގަތުގައިވެސް ސަބަބުތަކެއް ހުރެގެންނެވެ.

ފާއިތުވެދިޔަ ވެރިމަކަމުގައި، ފްލެޓް ފޯމު ހޯދުަމަށް މީހުން ހައުސިންގ މިނިސްޓްރީއަށް ތށްޖެހިފައި

ފްލެޓް ދިއިއުޅުމަކީ ވަގުތީ ހައްލެއް

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް، ކެމްޕޭންތަކުގައި ރިޔާސީ ކެނޑިޑޭޓުން ވާ ވައުދުތައް ފުއްދުމަށް މިހާތަނަށް ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ފްލެޓް އެޅުމެވެ. މާލޭގެ ހުސް ބިންތަކުގައިވެސް ގެންގުޅުއްވަނީ ފްލެޓް އެޅުމުގެ ވިސްނުމެވެ. ހުޅުމާލޭގައިވެސް ފްލެޓް އެޅުމުގެ ވިސްނުމެވެ. އަދި އެވަރުންވެސް ނިމުނީއެއް ނޫނެވެ. ރާއްޖެ ތެރޭގައި، ބިން އޮތް ރަށްރަށުގައިވެސް ފްލެޓް އެޅުމުގެ ވިސްނުމެވެ.

އެހެންނަމަވެސް، ބޯހިޔާވަހި ކަމުގެ މައްސަލައަކީ ކޮންމެ ގައުމެއްގައިވެސް އިތުރުވަމުންދާ އާބާދީއާއެކު، އަބަދުވެސް ހައްލު ހޯދަންޖެހޭ މައްސަލައަކަށް ވާއިރު، ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ހޯދާ ދިނުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ކޮންސެޕްޓްތައް ގެންގުޅެއެވެ.

މިގޮތުން ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދިގުމުއްދަތުން މިލްކުވާ ގޮތަށް، އަޅާދީފައި ހުންނަ ރޯހައުސްތައް ވިއްކުމާއި، ބިން އޮތްތަންތަނަށް މީހުން ހިޖުރަ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ވަސީލަތްތައް ގާއިމް ކުރުމަށްފަހު، މީހުން އެތަންތަނަށް ހިޖުރަ ކުރުވުމާއި، އަދި ފްލެޓްތައް އަޅާ، އެތަނަތަނުގައި ދިރިއުޅެވޭނެ މަގުތައް ފުރިހަމަޔަށް ފަހިކޮށް ދިނުންވެސް ހިމެނެއެވެ.

އަދި މިހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރެވޭއިރު، ވަށައިޖެހޭ ބީދައިން ސިޔާސަތު ތަންފީޒުކޮށްގެން މެނުވީ، މުޅި މައްސަލައެއް އެދެވޭ ހައްލެއް ނުގެނެވޭނެ ކަމަށްވާތީ، ތަންތަނުގައި ދިރިއުޅެވޭނެ ފެންވަރަށް ތަންތަން އިމާރާތްކޮށް ތައްޔާރު ކުރުމަށް ބޮޑު ސަމާލުކަމެއް ދެވޭވެސް މެއެވެ.

އެހެންނަމަވެސް، މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައިވި ނަމަވެސް، ބޯހިޔާވަހި ކަމުގެ މައްސަލަ އެންމެ ބޮޑު އެއްގައުމުގެ ގޮތުގައި ރާއްޖެ ހިމެނިގެން ގޮސްފައިވާއިރު، މިމައްސަލައަށް ހައްލު ހޯދާ ދިނުމުގައި ރާއްޖެއިން އަމަލް ކުރަމުންދަނީ މުޅިން ތަފާތު އުސޫލަކުންނެވެ.

އަޅާ ފްލެޓްތަކުގެ ސައިޒުން ކުޑަކަމުން އެންމެ އާއިލާއަކަށްވެސް ހަމަނޭވާ ލެވިގެން އުޅެވޭވަރަށްވުރެ އާދާޔާ ޚިލާފަށް ފްލެޓްތައް ކުޑައިރު، ތަނަށް ވަންނަ ފަރާތްތަކާ ހަވާލުކުރަނީ 4 ފާރެވެ. ފްލެޓަށް ދައްކަންޖެހޭ ކުލި 20 ނުވަތަ 15 އަހަރަށް ބަހާލެވެއެވެ. ދައްކަންޖެހޭ އަދަދަކީ އެވްރެޖްކޮށް 7000 ރުފިޔާކަމުގައި ވިނަމަވެސް، ތަނަށް ވަނުމަށް އަނެއްކާވެސް ނަގަން މިޖެހެނީ އިތުރު ލޯނެކެވެ. މި ލޯނަށްވެސް ފައިސާ ދައްކަން އެބަ ޖެހެއެވެ.

ސަރުކާރުން، ސޯޝަލް ހައުސިންގެ ގޮތުގައި އިސްތިހާރުކޮށްގެން، މީހުން ފްލެޓަށް ވެއްދިނަމަވެސް، ތަނަށް މީހުންނަށް ވަދެވެން މިއަންނަނީ، ސަރުކާރުން ހަމަޖައްސާދީފައި އޮންނަ ލޯނުގެ އިތުރަށް، ލޯނުގެ މައްޗަށް ލޯނު ނަގައިގެންނެވެ.

ހަމައެއާއެކު، ރާއްޖޭގައި ހަދާ ފްލެޓްތަކުގެ ފެންވަރު ދަށްކަމުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ. ޗައިނާއިން، ހުޅުމާލޭގައި އަޅާ، އަދި މިހާރުވެސް މީހުން ދިރިއުޅެމުންދާ ތަންތަނުގެ ހާލަތު ވަޒަން ކޮށްލުމުން، ރައްޔިތުން ވަނުމަށް މިހާރު ތައްޔާރުވަމުންދާ ފްލެޓްތަކުގެ ފެންވަރު ކޮންމެވެސް މިންވަރަކަށް ވަޒަން ކޮށްލެވިދާނެއެވެ.

ދެން އުފެދޭ ސުވާލަކީ، ރައްޔިތު މީހާގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމުގެ ނަމުގައި، މިހޯދައިދޭ ފްލެޓްގެ ދިރިއުޅުމެވެ.

އެތައްހާސް ބަޔަކު، ދިރިއުޅޭންޖެހޭ، މި ފްލެޓްތައް ޑިޒައިން ކުރެވިފައިވާ ގޮތެވެ. އަރާ ފޭބުމަށް ބެހެއްޓިފައިވާ ލިފްޓްތަކުގެ މަދުކަމާއި، މީހުން ގެންގުޅޭނެ ކާރުތަކާއި އެތައް ހާސް ސައިކަލެއް ޕާރކް ކުރުމަށް އެކަށީގެންވާ ޖާގައާއި އިންތިޒާމްތަކެއް ނެތުން ވެގެންދާނީ، މި ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތި ވެގެންދާނެ ބޮޑުވެގެންވާ ކާރިސާއަށެވެ. ތަނުގައި އެންމެން ދިރިއުޅެން ފަށާއި، ދުއްވާ އުޅަދުތައް ޕާކްކުރުމުގައި މަގުތަކަށް ދަންދެން ބޭނުން ކުރަން މަޖުބޫރުވެ، ތޮއްޖެހިފައިވާ މާހައުލަކަށް ސަރަހައްދު ބަދަލްވެގެން ދިއުމުން، "ފްލެޓް ލައިފް" ހަގީގަތުގައިވެސް ވެގެން ދާނީ ހަމަ ގިލަންވެރި ކަމަކަށެވެ.

20 އަހަރުވަންދެން، ކަރުތާފެނުގައި، ތަނަށް ކުލި ދައްކާ ދައްކާ ތިއްބާ، ފްލެޓް މިލްކު ވާއިރު، ފްލެޓުގެ ހާލަތު ބޮލަށް ވެއްޓޭ ހާލަތަށް ދިއުމުން، އަނެއްކާވެސް ދަރިން މަގުމަތި ވީއެވެ. މުޅި ހަޔާތް ފްލެޓަށް ކުލި ދެއްކުމުގައި ހޭދަކޮށް، ލިބުނު ފައިސާކޮޅުން އެނޫން މަގެއް ހޯދިފައި ނުވަނިކޮށް، ދިރިއުޅުނު ފްލެޓް ވީރާނާ ވެގެން ދިއުމުން، ސަރުކާރުތަކުން ވީ ވައުދުތަކުން، ރައްޔިތު މީހާގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހޯދާ ދެވުނު ހައްލަކީ ކޮބައިތޯއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް. ކޮތަރު ކޮށިތަކެއްގެ ގޮތުގައި މިތަންތަން ސިފަކުރެވެނީ ތަންތަން ސައިުން އާދަޔާ ޚިލާފަށް ކުޑަވީމަ

ހައްލަކީ ކޮބާ؟

ރާއްޖޭގައި ހަގީގަތުގައިވެސް ބިން ބޮޑެތި ރައްތައް އެބަ ހުއްޓެވެ. ކުރިމަތި ވެގެން މިއުޅޭ މައްސަލައަކީ، މިތަންތަނުގައި ދިރި އުޅެވޭ މަގެއް ފަހިވެފައި ނެތީއެވެ. ބިން އޮތަސް ރައްޔިތުންނަށް އެ ބިންތަކުން ގެދޮރު ދޫނުކުރަނީއެވެ.

އަދި ގެދޮރު އަޅާނެ ބިމެއް އޮތަސް، ގެދޮރު އެޅޭނެ ފަދަ ތަނަވަސްކަމެއް ނެތީއެވެ. ގެދޮރު އަޅާނެ ތަނަވަސްކަމެއް އޮތްނަމަ، ގެދޮއު އަޅައިގެން، ދިރިއުޅެވޭނެ މިންވަރަށް ވަސީލަތް ގާއިމް ވެފައި ނެތީއެވެ. ހަގީގަތުގައިވެސް، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ މައްސަލަ ތަކަކީ މިއީއެވެ.

އެހެންނަމަވެސް، އަދިވެސް ސަރުކާރުތަކުން މި ގެންގުޅެނީ ބިން އޮތް ރަށަރަށުގައިވެސް ފްލެޓް އެޅުމުގެ ސިޔާސަތެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅު ކަމުގައިވާ އައްޑު އަތޮޅުގައިވެސް ކުރީ ސަރުކާރުން ފްލެޓް އަޅާފައި އެބަހުއްޓެވެ. އެޅިގޮތަށް، ބައެއް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައި ނުވެއެވެ. ބައެއް ފްލެޓްތައް ވީރާވެގެންވެސް ހިގައްޖެއެވެ.

އެހެންނަަމެވސް، އައްޑޫގައި ގެދޮރު އަޅާނެ ބިން އޮތްއިރު، ރައްޔިތުންނަށް ބިން ދޫކޮށްގެން، ލުއި ލޯނު ލިބޭނެ މަގުވެސް ފަހި ކޮށްދީގެން، މި ބިންތަކުގައި މީހުން ވަޒަންވެރި ކުރުވުމުގެ ވިސްނުމެއް އަދިވެސް އޮތް ކަމަކަށް ނުފެނެއެވެ.

މާލެ ތޮއްޖެހިފައިވަނީ، ހަގީގަތުގައިވެސް، ވަސީލްތައް މާލެއަށް ޖަމާކުރުމުގެ ސަބަބުންނެވެ. މާލޭގައި ގާއިމް ކޮށްފައިވާ ވަސީލަތްތައް ލާމަރުކަޒީ ކުރެވި، ބިން އޮތް ތަންތަނުގައި މިވަސީލަތްތައް ގާއިމްކޮށް، ނުވަތަ ބޮޑެތި ފަޅުތައް ހިއްކާ، އެތަންތަނުގައި ވަސީލަތްތައް ގާއިމް ކޮށް، އާންމު ރައްޔިތުންނަށް ގޯތި ދޫކޮށް، މިތަންތަނުގައި މީހުންނަށް ދިރިއުޅޭވޭނެ މަގެއް ފަހި ކޮށްދިނުމުގެ ވިސްނުމެއް މިސަރުކާރުގެ ތެރެއިންވެސް ފެންނާކަށް ނެތެވެ.

މިއީ ހިތާމަހުރި މައްސަލައެކެވެ. އެއްފަސް ކޮށްގެން، ވަސީލްތަތައް ގާއިމް ކޮށްގެން، މީހުން އެތަންތަނުގައި އާބާދު ކުރުމުގެ ވިސްނުމެއް ސަރުކާރުތަކުން ނުގެން ގުޅޭހާހިދަކު، ދިވެހިންގެ ދިރިއުޅުމުގެ ހާލަތަށް ކުރިމަތިވެފައި މިވާ ބޯހިާވަހިކަމުގެ ގިލަންވެރިކަމަށް ހައްލެއް ނެތެވެ.

ވައުދު ފުއްދުމުގެ ގޮތުން، ކޮންމެ ސަރުކާރަކުން އެންމެ ގާތް ގަމުން ލޯނުނަގައިގެން، ފްލެޓް އަޅާދީ، އެތަންތަނަށް މީހުން ޖަމާކުރުމުން އެ އުފަންވަނީ، އަނެއްކާވެސް ދިގު ޒަމާންތަކަކަށް އުފަންވާ އާ ބާވަތެއްގެ ކާރިސާއެވެ. އާ ބާވަތެއްގެ ގިލަންވެރި ކަމެކެވެ.

ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދިނުން ހަގީގަތުގައިވެސް މުހިންމެވެ. މި ހައްލަ ހޯދުމަށްޓަކާ، ގައުމުގެ ވެރިންގެ ވިސްނުމުން ފްލެޓް ތަސައްވުން ފޮހެވެން އެބަޖެހެއެވެ. އެއަށްވުރެ ދުރަށް ވިސްނަން އެބަޖެހެއެވެ. އޮތް ހަމަ އެކަނި ހައްލަކީ ފްލެޓް އެޅުކަމުގައި ދެކޭދެކުން ނިމުމަކަށް ގެންނަން އެބަ ޖެހެއެވެ.

"ފްލެޓް ލައިފް"އަށްވުރެ ދުވަށް ވެރިން ވިސްނަވައިގެން މެނުވީ ހައްލެއް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *