އައިޖީއެމްއެޗާއި ދިމާ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެމައްސަލަ ބަލައި ދިނުމަށް އާއިލާގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފިއެވެ.
އާއިލާގެ ފަރާތުން މިމައްސަލަ އެޗްއާރުސީއެމްއަށް ހުށަހަޅާފައިވާއިރު، އެކޮމިޝަނުން މިހާރުވަނީ މިމައްސަލައިގެ ތަޚްޤީގު ފަށާފައެވެ. ނަމަވެސް ބަލަމުންދާ މައްސަލައަކަށްވުމުން މިމައްސަލައިގެ މައުލޫމާތު ހާމަކުރަމުންދާނީ މައްސަލައިގައި ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން ކަމަށް ވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗާއި ދިމާ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް އާންމުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. ފުލުހުން މިރޭ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.
ބުރާސްފަތި ދުވަހު ފުލުހުން ވިދާޅުވެފައިވާ ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ މަރުގެ މިހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މަރުވެފައި އޮއްވާ ފެނުނީ، ގދ. ވާދޫ އުމުރުން 31 އަހަރުގެ ސިދުރަތުﷲ އަހްމަދު ނަމަކަށް ކިޔާ މީހެކެވެ. މީނާގެ މަރާއި ގުޅޭގޮތުން ފުލުހުން މިރޭ ވިދާޅުވީ މިމަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަަލަމުންދާކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ބާއްވާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗާއި ދިމާ މޫދުން ފެނުނު މިމީހާ ނެގި އިރުވެސް އެކި ވަރުގެ އަނިޔާތަކެއް ދީފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ. އެގޮތުން އެމީހާގެ ލޯކައިރިއާއި މޫނުގެ އެކި ހިސާބުތަކުގައި ޒަހަމްތަކެއް ލިބިފައިވުމާއި، ބައެއް އިނގިލި ވެސް ނެތްކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ