ހައި ކޮމިޝަން ގޮއްވާލަން ބުނި މީހާގެ ބަންދަށް 7 ދުވަސް

ހައި ކޮމިޝަން ގޮއްވާލަން ބުނި މީހާގެ ބަންދަށް 7 ދުވަސް

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2021 10:10
0

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯތުން 7 ދުވަސް އިރުކޮށްދީފިއެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓްކުރިކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހާއާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ހައި ކޮމިޝަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މި މީހާ ހައްޔަރުކޮށް ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދަވާކަމަށެވެ. އަދި މި އިންޒާރާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަންވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނުމުން މިހާރު އެތަނާއި ޗައިނާގެ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެޕާޓީގެ މެމްބަރެއްކަމަށެވެ. އަދި އެ މީހާގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލައި، އެނާ އެމްޑީޕީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ކުރިޓްވީޓް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށާއި، އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.