މި ހިގާ ޖުލައިމަހުގެ 5 ވަނަ ދުވަހުން ފެށިގެން، މައްކާގައި ހުންނަ ގެފުޅު ހިމެނޭ ސަރަހައްދާއި، އަދި މާތްވެގެންވާ ހަރަމްފުޅާއި، މާއްކާގެ ހުރުމަތްތެރި ވެގެންވާ އިތުރު ތަންތަނާއި އަދި އޭގެ އިތުރުން މިނާ، މުޒަދަލިފާ އަދި އަރަފާތު ބިމަށްވެސް ރަސްމީ ހުއްދަ ނެތި ދާ ފަރާތްތައް 2،700 އެމެރިކާ ޑޮލަރު (10،000 ރިޔާލް) އިން ޖޫރިމަނާ ކުރާ ގޮތަށް ސައުދީ ސަރުކާރު ނިންމައިފިއެވެ.
އަދި ސައުދީ ސަރުކާރުން ބުނެފައިވަނީ، މި ސަރަހައްދުތަކަށް ރަސްމީ ހުއްދައާ ނުލާ ތަކުރާރުކޮށް ވަދެއްޖެނަމަ، މި ޖޫރިމާނާގެ އަދަދު ދެގުނަ ވެގެން ދާނެކަމަށެވެ.
ސައުދީ ޕްރެސް އޭޖެންސީ SPA އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސައުދީ ސަރުކާރުން އާންމު ކޮށްފައިވާ މި އެންގުމުގައިވާ ގޮތުން، ހަރަމްފުޅަށް ދެވެން އޮންނަ ހުރިހާ މަގެއްވެސް، ސައުދީ ސިފައިން ބަލަހައްޓަމުން ދާނެއެވެ. އަދި މީގެ އިތުރުންވެސް ހުރުމަތްތެރި ވެގެންވާ ހުރިހާ ސަރަހައްދަކަށް ދިއުންވެސް، އުސޫލުތަކާ ޚިލާފްވޭތޯ ސައުދީ ސިފައިން ބަލަހައްޓަމުން ދާނެކަމަށްވެސް ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.
މިމަހުގެ 17 އިން 22 އަށް ކުރިޔަށްދާ ހައްޖުގެ އަޅުކަންތަކަށް ޚާއްސަ އުސޫލުތަކެއް ސައުދީން ކަޑައަޅާފައި މިވަނީ، މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19އިން ރައްކާތެރި ވުމަށް އަޅާ ޚާއްސަ ފިޔަވަޅުތަކެއްގެ ގޮތުގައެވެ.
ސައުދީ ހައްޖުގެ ކަންތައްތަކާބެހޭ މިނިސްޓްރީން މިހަފްތާގެ އަދީއްތަ ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި،، ހައްޖުގެ އަޅުކަންތަކާ ގުޅިގެން އަޅާފައިވާ 20،213 ފިޔަވަޅަކާ، މިހާތަނަށް އައިއިރު އެކިފަރާތްތަކުން ވަނީ ޚިލާފް ވެފައެވެ.
ކޯވިޑް19 ކޮންޓްރޯލް ކުރުމުގެ ގޮތުން މިފަހަރު ހައްޖުވުމުގެ ފުސަތު ދިނުމަށް ސައުދީ ސަރުކާރުން މިއަހަރު ހަމަޖައްސާފައިވަނީ 50،000 މީހުންނަށެވެ. އަދި އެއީވެސް ސައުދީގައި ދިރި އުޅެމުންދާ މީހުންނަށް އެކަންޏެވެ.