ރައީސްގެ މަންދޫބު މަޖިލީހުގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ރައީސްގެ މަންދޫބު މަޖިލީހުގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

Author
ޢަލީ އާދަމް
04 ޖުލައި 2021 08:03
0

މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ޓެރަރިސްޓް ހަމަލާ ތަޙްޤީގުކުރުމުގެ މަރުހަލާ ހިނގައި ގޮތް ބެއްލެވުމަށްޓަކައި އައްޔަން ކުރައްވާފައި ވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އައްބާސް ފާއިޒް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އައްބާސް ފާއިޒް މަޖިލީހުގެ ނައިބު ރައީސާ ބައްދަލުކުރެއްވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޢިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު މަޖިލީހުގެ ނައިބު ރައީސާ މިއަދު ބައްދަލުކުރައްވާފައި ވާއިރު، މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބްރީޗްވީ ގޮތް ބެލުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީ ނިންމާ އެކަމާގުޅޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް އެކޮމިޓީން ގެންދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަންކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެކެވެ.

އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3 އަހަރު ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.