ޢަލީ ވަޙީދުގެ ޕާސްޕޯޓް ހިފަހައްޓަން ޢަމުރެއް ނުދިން، މައްސަލަ ހައިކޯޓަށް!

ޢަލީ ވަޙީދުގެ ޕާސްޕޯޓް ހިފަހައްޓަން ޢަމުރެއް ނުދިން، މައްސަލަ ހައިކޯޓަށް!

Author
މުޙައްމަދު ޖިމީ
04 ޖުލައި 2021 03:55
0

ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ޢަލީ ވަޙީދު ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައްވަނީ ފަށާފައެވެ. އަލީ ވަހީދު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވަނީ ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ނިންމުމުން ހަމަ އެރޭގެ ވަގުތެއްގައެވެ. އަލީ ވަހީދުގެ މައްސަލާގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓާދިނުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅި މިދިޔަ ޖޫން މަހުގެ 23 ވަނަދުވަހުއެވެ. ނަމަވެސް އެކޯޓްގެ ގާޒީ ހަސަން ސައީދު މިއަދު ނިންމަވާފައިވަނީ އެ ފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އޭނާގެ އަމިއްލަ ބޮލްގުގައި އާއްމުކުރެއްވި އޯޑިއޯ ޕޯސްޓެއްގައި ވަނީ، ކްރިމިނަލްކޯޓުގެ ނިންމެވުމުގައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަގްސަދެއް ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ފުލުހުން އެދުނު އަމުރު ނެރެދެވެން ނެތްކަމަށް ދަށު ކޯޓުން ނިންމާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ ދަށުކޯޓްގެ މި ނިންމުން ހައިކޯޓްގައި އިސްތިއުނާފުކުރައްވާނެކަމަށެވެ. ސަބަބެއްކަމަށް ޝަމީމް ވިދާޅުވީ އަލީ ވަހީދަކީ ފިލައިގެން އުޅޭ މީހަކަށްވުންކަމަށެވެ.

މީނާ އަކީ ފިލައިގެން އުޅޭ މީހެއް. ހައިކޯޓަށްވެސް ނުފެނިފައި ހުރި މީހެއް. ކްރިމިނަލްކޯޓަށްވެސް ނުފެނިފައި ހުރި މީހެއް. އަދި ސުޕްރީމްކޯޓަށްވެސް ނުފެނިގެން އުޅޭ މީހެއްކަން އަޅުގަނޑުމެނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފެންނަން އޮތް މީހެއް. އެހެންކަމުން މީނާގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް އަޅުގަނޑުމެންނަށް އެބަ ޤަބޫލުކުރެވޭ.

– ޕީޖީ ހުސެއިން ޝަމީމް

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ބައިވެރިވުމަށް އެދިވަޑައިގެންފައިވަނީ އިންގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. އަދި ކްރިމިނަލް ކޯޓުން މިގޮތަށް ހަމަޖައްސާދެއްވުމުން އިންގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަންގައި އެ މައްސަލައިގެ އަޑުއެހުމެއް އޮންލައިންކޮށް ވަނީ ބާއްވާފައެވެ. އެހެންނަމަވެސް އެ ގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަވެސް ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ދައުލަތުން އެ ހުށައެޅުން ހައިކޯޓުން ބަލައިގަނެ ކޯޓްގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި ރަޖިސްޓްރީގެ މަރުހަލާ ނިމި ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ޝަރީއަތް ބޭއްވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއިއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Moosa
Kuriminal kotun alige paspot hifahattan amurennudheveyne sababakee ali beyrah fonuvee e cotun kamah vaathee