ރައްޔިތުން ވެކްސިން ޖެހުމަށް ކުރިން ކުރީ މަޖުބޫރުކަމަށާއި، މިފަހަރު މި ޖެހުނީ ރޮއި އާދޭސްކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޙަސަން މުފީދު ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮވިޝީލްޑް ވެކްސިން ހުސްވެ އަދި ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލިތާ 2 މަސް ފަހުން، އެޕޮއިންޓްމަންޓް އުސޫލުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުޞަތު އެޗްޕީއޭއިން ހުޅުވާލީ ރޭގައެވެ. އެކަމާއި ގުޅިގެން ޙަސަން މުފީދު ވިދާޅުވީ، ރައްޔިތުން ވެކްސިން ޖެހުމަށް ކުރިން ކުރީ މަޖުބޫރުކަމަށާއި، މިފަހަރު މި ޖެހުނީ ރޮއި އާދޭސްކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަންކަމަށެވެ. ރައްޔިތުންނާއި ދޭތެރެ މިހާ އިހާނެތިކޮށް ހިތަން ހެޔޮނުވާނެކަމަށްވެސް ޙަސަން މުފީދު ވިދާޅުވިއެވެ.
ކުރިން ކުރީ މަޖުބޫރު މިފަރު މި ޖެހުނީ ރޮއި އާދޭސްކޮށް އެޕޮއިންޓްމަންޓް ހަދަން.
ރައްޔިތުންނާއި ދޭތެރެ މިހާ އިހާނެތިކޮށް ހިތަން ހެޔޮވެސް ނުވާނެ!
މިއަށް އޯގާތެރިކަމޭ ބުނެވޭނެ ހަމަ އެއްވެސް ޖާގައެއްނެތް.
ފުރަތަމަ8ހަފްތާ ފަހުން.
ދެން12ހަފްތާ ފަހުން.
އެންމެ ފަހުން ލިބުން ދުވަހަކުން. pic.twitter.com/Jl70LBonzS— Hasa Na (@Hasa_Naa) July 4, 2021
އެޗްޕީއޭއިން ރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހުން މިއަދުންފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިގޮތުން ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިއަދުންފެށިގެން އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުންދާނެކަމަށް އެ އޭޖެންސީން ބުނެއެވެ.
އެ ޕޮއިންޓްމަންޓް ލިބޭ ހުުރިހާ މީހުންވެސް ކަނޑައަޅާފައިވާ ސެންޓަރުތަކަށް ގަޑިއަށް ދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވެކްސިން ޖަހަން ދާއިރު، ކޮންމެ މީހެއްވެސް ކާކުކަން އަންގައިދޭ ރަސްމީ ލިއުމަކާއި ވެކްސިން ކާޑް ގެންދިއުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. މީގެ އިތުރުން ފަސޭހައިން ކޮނޑު ދެއްކޭފަދަ ހެދުމެއް ލުމަށާއި، ރަނގަޅަށް ކައިގެން، އަމިއްލަ ފެންފުޅިއެއް ހިފައިގެން ދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ކޮންމެހެން އެހެންމީހެއްގެ އެހީތެރިކަމެއް ބޭނުން ނުވާ މީހުން އިތުރުމީހަކު ނުލައި އެކަނި ދިއުމަށްވެސް އެޗްޕީއޭން އެދެއެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން އެޗްޕީއޭއިން ވަގުތީގޮތުން ހުއްޓާލީ ރާއްޖެއިން އެ ބާވަތުގެ ވެކްސިން ހުސްވުމުންނެވެ. ނަމަވެސް އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށަން އެޗްޕީއޭއިން ތައްޔާރުވެފައި ވާއިރު މިއީ ކޮން އިރަކު ރާއްޖެއަށް ލިބުނު ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ވެކްސިން ހުސްވުމުގެ ސަބަބުން ދެ ވަނަ ޑޯޒް ނުޖެހިފައި ތިބި ލައްކައަކަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިއްބެވެ.
ކޮމެންޓު ފޮނުވާ