ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާއަދާކުރުމަކީ ނުފޫޒުފޯރުވުންކަމަށް މާނަކުރުމަކީ މަޖިލީހުގެ ޤާނޫނީ ހުކޫމަތަށް އަރާގަތުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވިީ ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފުރުސަތު ނުދީ މަޖިލީހަށް ހާޒިރުވާން އެންގުމަކީ ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމަށް މޯލްޑިވްސް އެޑިޓާސް ގިލްޑް އިން ބުނުމުންނެވެ.
ޝިފާއު ވިދާޅުވީ މަޖިލީހުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާނުކޮށް ތިމުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. މަޖިލީހުގެ ޒިންމާ އަދާކުރުމަކީ ނުފޫޒުކަމަށް ދެކުމަކީ މަޖިލީހުގެ ޤާނޫނީ ހުކޫމަތައް އަރައިގަތުން ކަމަށް ޝިފާޢު ވިދާޅުވިއެވެ. އަދި މިއީ އޮތް ނުރައްކާތެރި ކަމަކަށްވާއިރު، މިފަދަ ނާތަހުޒީބީ ފަރާތްތައް ތަންފީޒީ މުއައްސަސާތަކުގަ ތިބުމަކީ ދައުލަތަށްއޮތް ނުރައްކަލެއް ކަމުގައި ޝިފާއު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާއަދާކުރުމަކީ ނުފޫޒުފޯރުވުންކަމަށް މާނަކުރުމަކީ މަޖިލީހުގެ ޤާނޫނީ ހުކޫމަތަށް އަރާގަތުން. އެއީ އިތުރު ނުރައްކަލެއް. މިފަދަ ނާތަހުޒީބީ ފަރާތްތައް ތަންފީޒީ މުއައްސަސާތަކުގަ ތިބުމަކީ ދައުލަތަށްއޮތް ނުރައްކަލެއް.
– ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ މިއަދު ދިވެހި ނޫސްވެރިކަން ފާލުން ނެއްޓި ކަމާއިބެހޭ އިދާރާތަކަށް އެކަމަށް އަޅަންޖެހޭ ފިޔަވަޅު ނޭޅިދާކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ. މިއަދު ބައެއް މީޑިއާތަކުގެ އަމަލުތައް ހުރިގޮތުން ޤައުމީ ސަލަމާތަށްވެސް ނުރައްކާވާކަމަށް ޝިފާއު ވިދާޅުވިއެވެ.
ފުރުސަތުދިނުމަކީ ވާނެއެއްޗެއްވެ ނިމެންދެން މަޑުންތިބުންތޯ. މީޑިއާ ކައުންސިލް ފެއިލްވެ ދިވެހިނޫސްވެރިކަން ފާލުއްނައްޓައި ގައުމީސަލާމަތަށް ނުރައްކާވާ ހިސާބައްދިޔައިރުވެސް މީޑިއާކައުންސިލް ފުރުސަތުގެ އިންތިޒާރުގަ.
– ޝިފާއު ވިދާޅުވިއެވެ.
އެޑިޓާސް ގިލްޑުން ބުނީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރި ލިޔުމަކާ ގުޅޭގޮތުން އެމްބަސީއަކުން ނުތަނަވަސްކަމެއް އޮތް ނަމަ އެކަމަށް ހައްލު ހޯދަން އެދެން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. އެއާއެކު، އެ މައްސަލަ ބަލަން ފޮރިން މިނިސްޓްރީ އަށް ކަމާބެހޭ އިދާރާގައި އެދެވިދާނެ ކަމަށެވެ.
ނަމަވެސް ސީދާ އެ މައްސަލަ ރައްދުވާ ޑިޕްލޮމެޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ ތަންދޭ ތަނެއް ނޫން ކަމަށާއި އެއީ އެ މުއާހަދާއާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށް އެޑިޓާސް ގިލްޑުން ބުނެ އެވެ.
އަދި ޑިޕްލޮމެޓެއްގެ ކޯލާ ގުޅިގެން މުގައްރިރު އަމިއްލައަށް އެ މައްސަލައިގައި މީޑިއާ ޖަވާބުދާރީ ކުރުވުމަށް އެމްއެމްސީއަށް އެންގުމަކީ ވެސް ބީރައްޓެހި އުސޫލެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ