ތަރުހީބު ނުލިބުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ތިންވަނަ ފަހަރަށް ހުޅުވާލައިފި

ތަރުހީބު ނުލިބުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ތިންވަނަ ފަހަރަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
04 ޖުލައި 2021 10:54
0

އިންފޮމޭޝަން ކޮމިޝަނާގެ މަޤާމަށް ހުޅުވާލުމުން، އެކަށީގެންވާ ތަރުހީބެއް ނުލިބުމުން، އަނެއްކާވެސް އެމަޤާމަށް ހުޅުވާލައިިއެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލާފައި ވަނީ ޖޫން މަހުގެ ދެވަނަ ދުވަހު ހުޅުވާލުމުން އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ ކަމަށެވެ. މިއަދު އަލުން ހުޅުވާލުމުން މި މަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އާ ހަމައަށް އެ މަގާމަށް އެދި ރައީސް އޮފީހަށް ހުށަހަޅަށް ވެސް އެދިފައި ވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ތިންވަނަ ފަހަރަށް ހުޅުވާލާފައި މިވަނީ، ކުރިން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް މަޖިލީހުން ރުހުން ނުލިބުމުގެ ސަބަބުންނެވެ. އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއް މަޖިލީހަށް ފޮނުއްވިއެވެ. އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ21 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.