ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަކީ އިސްލާހިއްޔާއަށް ފޮނުވައިގެންވެސް އަލުން ތަރުބިއްޔަތު ކުރަންޖެހިފައިވާ މީހެއްކަމުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު، އެކި މައުލޫމާތު ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވާ އެއް ބޭފުޅަކީ ނާޒިމްއެވެ. އެގޮތުން އޭނާ ހިތްހަމަ ނުޖެހޭގޮތަށް މީހަކު ވާހަކަ ދައްކައި ޓްވީޓު ކުރާނަމަ ބައެއް ހާލަތްތަކުގައި އަވަގުރާނަ ގޮވައި، ހަޑިހުރު ބަސް ބޭނުންކޮށްފައިވއެވެ. އެގޮތުން ހައިލަމް ކުރެއްވި ޓްވީޓަކަށްވެސް ނާޒިމް ވަނީ އަވަގުރާނަ ގޮވާފައެވެ.
ނާޒިމް އައުގުރާނަ ގޮވުމުން ހައިލަމް ކުރި ޓްވީޓެއްގައި ބުނީ ތަރުބިއްޔަތަކީ އިންސާނުންނާ އެހެން މަޚްލޫޤުން ފަރަގުކުރެވޭ މައިގަނޑު އަސާސް ކަމަށެވެ. ނާޒިމް ފަދަ މީހުން އިސްލާހިއްޔާ އަށް ފޮނުވައިގެން ވިޔަސް އަލުން ތަރުބިއްޔަތު ކުރެވޭނެ ނިޒާމެއް ދައުލަތުން ގާއިމްކުރަންޖެހޭ ކަމަށް ހައިލަމް ވިދާޅުވިއެވެ. ހައިލަމްގެ ޓްވީޓްގައި ރައީސް ސޯލިހް ވެސް ޓެގް ކުރައްވާފައި ވެއެވެ.
ތަރުބިއްޔަތަކީ އިންސާނުންނާ އެހެން މަޚްލޫޤުން ފަރަގުކުރެވޭ މައިގަނޑު އަސާސް. މިފަދަ މީހުން އިސްލާހިއްޔާ އަށް ފޮނުވައިގެން ވިޔަސް އަލުން ތަރުބިއްޔަތު ކުރެވޭނެ ނިޒާމެއް ދައުލަތުން ގާއިމްކުރަންޖެހޭ.
– ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ ހަޑިހުތުރު ބަސް ބޭނުންކޮށްގެން ދައުވާ އުފުލައި، ދައުވާ ކުރުމަކީ ވަކި ބަޔަކަށް އެކަނި ކުރަންޖެހޭ ކަމެއްނޫންކަމަށެވެ. ޤާނޫނުގައި ސާފުކޮށް އެކަންކަމަށް ދައުވާ ކުރެވެން އޮތްކަން ޤާނޫނުގެ ނަންބަރާއިއެކު ހިއްސާ ކުރައްވަމުން ހައިލަމްވަނީ ނާޒިމް ސައްތާރައްވެސް ދައުވާ ކުރެވެންޖެހޭކަމަށް ވިދާޅުވެފައެވެ.
ހަޑިހުތުރު އެއްޗެހި ކިޔައި އަވަގުރާނަ ގޮވައިގެން ދަޢުވާ ކުރެވެނީ ވަކި ބައެއްގެ މައްޗަށްތޯ؟ ޤާނޫނަކީ ވަކި ބައެއްގެ މައްޗަށް ހިނގާ އެއްޗެއްތޯ؟ @PGO_MV @MvBarCouncil https://t.co/H67zVLXY5t pic.twitter.com/wzbRCZ1lEb
— Ahmed Hailam (@AhmedHailam) July 3, 2021
ހަޑިހުތުރު ބަހުން ވާހަކަ ދައްކައިގެން މިހާތަނަށް ރާއްޖޭގައި ދައުވާ އުފުލީ އެންމެ މީހެއްގެ މައްޗަށެެވެ. އެއީ ޕީއެންސީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އެކަންޏެެވެ.
ކޮމެންޓު ފޮނުވާ