މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި މިއަދު ފަށަން ތާވަލުކޮށްފިއެވެ.
އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ، އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އަންމަޓީ ބަންދުން ދޫކޮށްލާފައި ވަނީ ދެ ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ޝަރީއަތް ނިމެންދެން މާލެއިން ބޭރަށް ނުދިއުމާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށެވެ. މި ނިންމުން ރިވިއު ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށްވެސް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައި ވެއެވެ.
މިއަދު މެންދުރު ފަހު 2:00 ގައި މި މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލު ކޮށްފައެވެ. ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އޭނާގެ ބަންދުގެ މުއްދަތު ރިވިއުކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީއާއި، މުޖުތަމަޢުއަށް ނުރައްކާވާކަމުގެ އިހުމާލު އޮތްކަމަށް ވިދާޅުވެ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ ޝަރީޢަތަށް ޙާޒިރު ނުވެދާނެކަމާއި، ފިލައިގެން ދިއުމުގެ ބިރުވެސް އޮތްކަމަށް ދައުލަތުން ވިދާޅުވިއެވެ.
ނަމަވެސް އޭނާގެ ވަކީލް މުޙުތާޒް މުހުސިން ވަނީ މައްސަލަ ބިނާވެފައިވަނީ ކިތާބީ ހެކިތަކެއްގެ މައްޗަށްކަމަށާއި، ނުފޫޒް ފޯރުވޭނެ ހެތްކެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީ ފިލައިގެން އުޅުނު މީހެއް ނޫންކަމާއި، އޭނާ ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެއްބާރުލުން ދީފައިކަމަށްވެސް ވަކީލް ވިދާޅުވިއެވެ.
މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ، ޤާނޫނުގެ ރޫހަކީ މީހުން ބަންދުކޮށްގެން ގެންގުޅުން ނޫންކަމަށާއި، ބަންދުކޮށްގެން ގެންގުޅުމަކީ ދައުލަތަށްވެސް ދަތިތަކެއް ފޯރާކަމެއްކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވަނީ، އެފަދަ ދަތިތައް ހުރިކަމަށް ޤަބޫލުކުރައްވާކަމަށާއި، ނަމަވެސް ބަންދުން ދޫކޮށްލައިފިނަމަ އިންސާފުވެރި ޝަރީޢަތަކަށް ހުރަސްއެޅި ފިލައިގެން ދިއުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެފައެވެ.
ދައުލަތުން އޭނާ ފިލައިގެން ގޮސްދާނެކަމަށް ތަކުރާރުކޮށް ފާހަގަކުރަމުން ދިއުމުން ޝަރީޢަތުގައި އަޙްމަދު މޫސާއާއި، އޭނާގެ ވަކީލުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އަޙްމަދު މޫސާ ވަނީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަން ދޭކަމަށް ބުނެފައެވެ. އޭނާ ބުނީ، ރާއްޖެއައީވެސް އަމިއްލަ އިހްތިޔާރުގައިކަމަށާއި، މިހާރުގެ ބަލި ހާލަތު ހުރިގޮތުން ޝަރުތުތަކަކާއެކު ނަމަވެސް ބަންދަށް ލުއިދިނުމަށް އެދޭކަމަށެވެ. މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ވަނީ މިއީ ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ދެ ޝަރުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތުކޮށްފައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ.
އަޙްމަދު މުސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ކޮމެންޓު ފޮނުވާ