ރާއްޖޭގެ ޤައުމީ ސަލާމަތާއި، މިނިވަންކަމާއި ކުޅުމުގެ ފުރުސަތު އެއްވެސް މީހަކަށް ދެވިގެން ނުވާނެކަމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިވާ ސިޔާސީ ވާދަވެރިކަމުގައި ބޭރުގެ ޤައުމުތަކާއިމެދު ނަފްރަތު އުފައްދައި، އެޤައުމުތަކާއި އޮންނަ ގުޅުން ހީނަރުވާ ގޮތަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. މިއަދު މިކަން އިތުރަށް ގޯސްވެ އާންމު ފަރުދުންގެ މެދުގައިވެސް އެކި ޤައުމުތަކާއިމެދު ނަފްރަތު އުފެދި ނުރަނގަޅު ކަންކަން ކުރުމަށް ހިތްވަރުދޭފަދަ ކަންކަން ކުރާތަންވެސް ދަނީ ފެންނަމުންނެވެ. އެގޮތުން މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިނުމާއި ގުޅިގެން މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
މިކަންކަމާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގައި ހުންނަ ބޭރުގެ އެއްވެސް އިދާރާއަކަށް، ނުވަތަ ވަކިވަކި ބޭފުޅުންނަށްވެސް އިންޒާރުދީ، ހެދުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. އެފަދަ ކަންކަން ކުރާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި ހުންނަ ބޭރުގެ ޑިޕްލޮމެޓިކް އިދާރާތައް ގޮއްވާލާނެކަމަށް އިންޒާރުދިން ފަރާތްތައް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ. ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތާއި، ކުޅެން ފުރުސަތު ދެވިގެން ނުވާނެ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ރޯޔަލް ހަސަން ތަކުރު ކިޔާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، “އާރްޑީއެކްސް” ބޭނުންވާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން އެ އެކައުންޓް މިހާރު ވަނީ ޓްވިޓާއިން ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އިންޒާރުގެ މި ޓްވީޓުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނެއް މިރޭ ހައްޔަރުކޮށްފައި ވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން ދާކަމަށެވެ. އަދި އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީކަންކަން ވަރުގަދަކޮށްފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ މިދަނޑިވަޅުގައި ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ސަފީރުންނާއި މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ