މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދީ ޓްވީޓެއްކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ރޯޔަލް ހަސަން ތަކުރު ކިޔާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން އެ އެކައުންޓް މިހާރު ވަނީ ޓްވިޓާއިން ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އިންޒާރުގެ މި ޓްވީޓުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނެއް މިރޭ ހައްޔަރުކޮށްފައި ވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން ދާކަމަށެވެ. އަދި އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީކަންކަން ވަރުގަދަކޮށްފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ މިދަނޑިވަޅުގައި ހަނދާންކޮށްދީފަ އެވެ.
"މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި މިޝަންތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫ އަރާ ފަދަ ނާޒުކު މައްސަލައެއް ކަމުގައި ވީ ހިނދު، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަކަށް ވެސް އިލްތިމާސްކުރަމެވެ."
– ފުލުހުން
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ސަފީރުންނާއި މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ