ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އައްޑޫގައި ހިންގި ޚާއްޞަ އޮޕަރޭޝަންގައި ހައްޔަރުކުރި މަފްތޫހު ސައީދު ސުޕްރީމް ކޯޓުން ދޫކޮށްލާފައިވަނިކޮށް، އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ކޯޓު ޢަމުރެއްގެ ދަށުން ގއ. ކޮލަމާފުށި/ ވިކްޓްރީ, މަފްތޫހު ސައީދު ހައްޔަރުކުރީ މިދިޔަ ބުރާސްފަތިދުވަހުއެވެ.
އްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އައްޑޫގައި ހިންގި ޚާއްޞަ އޮޕަރޭޝަންގައި ހައްޔަރުކުރި މަފްތޫހުގެ ބަންދުގެ މުއްދަތު ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލަން ޢަމުރުކުރިނަމަވެސް، އޭނާއާއި ދެކޮޅަށް ފުލުހުން ހުށައެޅި އިންޓެލިޖަންސް ރިޕޯޓްގެ އިތުރުން އިތުރު ހެކި ހުރިނަމަ އަލުން ކޯޓަށް ހުށައަޅައި ބަންދުގެ ޢަމުރަކަށް އެދެވިދާނެކަމަށް ސުޕްރީމް ކޯޓުގެ ނިންމެވުމުގައިވެއެވެ.
ފުލުހުން މަފްތޫގެ މައްޗަށް ކޮށްފައިވަނީ، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމުގެ ތުހުމަތެވެ.
ޓެރަރިޒަމާއި ދެކޮޅަށް ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަންގައި މަފްތޫހާއެކު އިތުރު ފަސް މީހަކުވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެ އެންމެން ދަށުކޯޓުން ދޫކޮށްލުމުން، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރިއެވެ. އަދި އެމީހުން ބަންދުކުރުމަށް ހައިކޯޓުން ޢަމުރުކުރިއެވެ.
މިއައެކު މަފްތޫހުގެ ފަރާތުން ވަނީ ހައިކޯޓުގައި ބަންދުގެ މައްސަލަ އިސްތިއުނާފްކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ބާޠިލްކުރަން ކުރި ޙުކުމުގައި ވަނީ، އޭނާއާއި ދެކޮޅަށް ހުށައެޅި އިންޓެލިޖެންސް ރިޕޯޓް ފިޔަވައިއެހެން ހެއްކެއް ހުރިހަނަމަ އެ ހެކިތައް ހިތަދޫ ކޯޓަށް ހުށައެޅުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާކަމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ 6 ގައި ދިން ހަމަލާއާއި ގުޅިގެން، ސަލާމަތީ ބާރުތަކުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުން ހުރިބަޔަކުވެސް ހިމެނެއެވެ.
ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރިކަމަށް ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެކެވެ.
ކޮމެންޓު ފޮނުވާ