ހަމަލާގެ ބައިވެރިންނަށް ހަމަޖެއްސި ވަކީލުންނާއިމެދު ނަޝީދުގެ އާއިލާގެ ކަންބޮޑުވުން

ހަމަލާގެ ބައިވެރިންނަށް ހަމަޖެއްސި ވަކީލުންނާއިމެދު ނަޝީދުގެ އާއިލާގެ ކަންބޮޑުވުން

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2021 11:35
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންނާ ގުޅޭ ގޮތުން ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ހައްޔަރު ކުރި މީހުނަށް ވަކީލުން ހަމަޖައްސާފައިވަނީ ލީގަލް ޗެމްބާސްއިންނެވެ. ލީގަލް ޗެމްބާސްއަކީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ރާގިބް ހިންގަވާ ލޯ ފާމްއެކެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރައްވަނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އިސްތިއުފާ ދެއްވި މުހައްމަދު ރާގިބު އަހުމަދުގެ ލޯ ފާމްގެ ބައެއް ވަކީލުން ކަމަށާއި ރާގިބާއި އޭނާގެ ދަށުން މަސައްކަތްކުރައްވާ ވަކީލުން ނަޝީދާ މެދު އިންސާފުވެރި ވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އޭގެތެރޭގައި ނާޒިމް ފާހަގަކުރައްވާފައިވާ ބައެއް ވަކީލުންނަކީ ރައީސް ޔާމީނުގެ ލޯޔަރުންގެ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އާދަމް އާސިފް، ލޯޔަރ ޝަޒީމު ވަހީދު އަދި ލޯޔަރ ނާޝިދެވެ.

ނާޒިމް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުން ރާގިބް ވިދާޅުވެފައިވަނީ ގާނޫނީ ވަކީލުންގެ ހުވާގައި އަދި ވަކީލުން ޢަމަލުކުރަންޖެހޭ ގާނޫނެއް ނުވަތަ ގަވާއިދެއްގައި، އުސޫލެއްގައި ވަކީލުން ވަކާލާތު ކުރަންޖެހޭނީ ވަކި ވައްތަރެއްގެ ނުވަތަ ވަކި ނަމެއްކިޔާ މީހުންނަށޭ ނެތްކަމަށެވެ.

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ރާގިބް ހުންނަވަނިކޮށް މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ނަޝީދު އިންނަވައިގެންނެވެ. މީގެއިތުރުން ނާޒިމް ވަނީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ފަންޑުކުރި މީހުން ރާގިބަށް އެނގޭނެކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލާގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަވަރު ހާމަކުރި މީހުނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަހުމަދު ފާތިހު އަދި އަލީ ހައިޝަމެވެ. މި މައްސަލާގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރ.މޫސަ
ކެނެރީގޭ އާއިލާ މީހުންނާއި އެމްޑީޕީ މީހުން ރ.ނަޝީދުގެ އޯޑަރަށް ވަކީލު ރާޣިނަށް ބޮރުދައްކަން މަސައްކަތް ކުރާކަމަށް ބެލެވޭ ރ.ނަޝީދު އެންމެ ރުޅިއަރާ މީހުންގެ ތެރޭގައި ރާޣިބު ހިމެނޭތީ މިހާރު މަސައްކަތް އެކުރަނީ ރާޣިބުގެ ދުވަސް ދުއްވާލަން، ގިނަ ފަނޑިޔާރުން މަޤަާމުން ވަކިކުރަމުން ގެންދަނީ ދޮގު ހެކީގެ މައްޗަަށް ބުރަވެ.