މިއަހަރުގެ ފެބްރުއަރީމަހު، މިޔަންމާއަށް ގެނެވުނު ބަޢާވާތާ ގުޅުންހުރި، އެގައުމުގެ 22 އިސް އޮފިޝަލަކާ ދެކޮޅަށް އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
މީގެތެރޭގައި، މިޔަންމާރގެ މިހާރުގެ ސަރުކާރުގެ 4 ވަޒީރަކުވެސް ހިމެނެއެވެ.
އެމެރިކާގެ ޓްރެޝަރީ އެންޑް ކޮމާސް ޑިޕާމަންޓުން އިއުލާންކުރި މި ފިޔަވަޅުޔަކަކީ، ފެބްރުއަރީ އެގައުމުގައި އޮތް، އަންގސަން ސޫކީގެ އިންތިޚާބީ ސަރުކާރު ވައްޓާލުމާ ގުޅިގެން، އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅުތަކެކެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވަނީ، އެމެރިކާއިން މި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ، "ބަރުމާގެ މިހާރުގެ އަސްކަރީ ސަރުކާރުން ކުރިޔަށް ގެންދާ އަނިޔާވެރި އަމަލްތަކާ ދެކޮޅަށާއި އަދި އެގައުމަށް ގެނެސްފައިވާ އަސްކަރީ ބަޢާވާތާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅުތަކެއް،" ކަމުގައެވެ.
އަދި މި ފިޔަވަޅުތަކީ، މިޔަންމާގެ ރައްޔިތުންނަށް އަމާޒު ނުވާގޮތަށް، އަދި "ޑިމޮކްރަސީއަށް ވަގުތުން ވަގުތަށް ރުޖޫޢަވުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން" އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒު ކުރެވިފައިވާ މިޔަންމާރގެ ވަޒީރުންގެ ތެރޭގައި، މިނިސްޓަރ އޮފް އިންފޮމޭޝަން ޗިޓް ނައިންގ، މިނިސްޓަރ އޮފް އިންވެސްޓްމަންޓް އައުން ނައިންގ އޯ، ލޭބަރ އެންޑް އިމިގްރޭޝަން މިނިސްޓަރ މިޔަން ކައިންގ އަދި މިނިސްޓަރ އޮފް ސޯޝަލް ވެލްފެއަރ ރިލީފް އެންޑް ރީ ސެޓްލްމަންޓް ތެޓް ތެޓް ޚިންވެސް ނިމެނެއެވެ.
މީގެ އިތުރުން، މިޔަންމާރ ސަރުކާރުގެ ބާރުގަދަ ސްޓޭޓް އެޑްމިނިސްޓްރޭޓިވް ކައުންސިލްގެ މެމްބަރުންވެސް މި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި މި ކައުންސިލްގައި ހިމެނޭ 15 މެމްބަރުން އަނބިންނާއި ފިރިން އަދި ބޮޑެތިވެފައިވާ ދަރިންވެސް ހިމެނެއެވެ.
މީގެ އިތުރުން، އެމެރިކާގެ ކޮމާޝަލް ޑިޕާޓްމަންޓުންވަނީ، މިޔާންމާގެ 4 ވިޔަފާރި ކުންފުންޏަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން އިއުލާން ކޮށްފައެވެ.
މީގެތެރޭގައި ހިމެނެނީ، މިޔަންމާގެ އަސްކަރިއްޔާއަށް އެހީތެރިވެ ދިނުމުގެ ގޮތުން، ސެޓްލައިޓް ކޮމިއުނޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ކިންގ ރޯޔަލް ޓެކްނޮލޮޖީސްއާއި، މިޔަމްނާގެ ޑިފެންސް މިނިސްޓްރީއަށް ފަންޑު ކޮށްދޭ ކުންފުނިތަކާ އެކީގައި، ރެވެނިއު ޝެއާރިންގެ އެއްބަސްވުންތައް އެކުލަވާލާފައިވާ ވެމްބޯ މައިނިންގ ކުންފުންޏާއި އަދި މިކުންފުނީގެ އިތުރު ދެ ސަބްސިޑިއަރީ ކުންފުންޏެކެވެ.