ޔޫއެން މެެދުވެރި ވެގެން، ލިޔާބިޔާގައި ކުރިޔަށް އޮތް ޑިސެމްބަރުމަހު، އާންމު އިންތިޚާބު ބޭއްވުމަށްޓަކާ، ޖެނީވާގައި ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބި ނާކާމިޔާބު ވެފައިވާކަމަށް، ލީބިޔާގައި ހުންނަ ޔޫއެން މިޝަންގެ ޑެޕިއުޓީ ވިދާޅު ވެއްޖެއެވެ.
ޔޫއެން ސަޕޯރޓް މިޝަން އިން ލީބިޔާ (UNSMIL)ގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް އެންޑް މިޝަން ކޯރޑިނޭޓަރ ރައިސެޑޮން ޒެނެންގާ، ހަފްތާއެއް ވަންދެން ކުރިޔަށްދިޔަ މި މަޝްވަރާތައް ސިފަކޮށްފައިވަނީ، ހޫނު ޒުވާބުތަކާއި އަދި، މަޝްވަރާތައް ދޫކޮށް ގޮސްދާނެކަމަށް އެއްބަޔަކު އަނެއްބަޔަކަށް ބިރު ދެއްކުމުގެ ތެރެއިން ކުރިޔަށްދިޔަ ވާހަކަތަކެއްގެ ގޮތުގައެވެ. އަދި އޭނާވަނީ، މި ވާހަކަތައް ކާމިޔާބު ކުރުމަށް ހުރިހާ ފަރާތަކުން އަދިވެސް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
"ލީބިޔާގެ ހުރިހާ ރައްޔިތުންވެސް، އަދިވެސްތިބީ، ޑިސެމްބަރ 24ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އަދި މަޖިލިސް އިންތިޚާބުގައި ވޯޓުލާ، ގައުމުގެ ވެރިން އިޚްތިޔާރު ކުރުމަށް އެމީހުންނަށް ލިބޭ ފުރުސަތުގެ ބޭނުން ކުރުމުގެ އުއްމީދުގައި، އެމީހުންގެ އުއްމީދުތައް ވިއްސިވިހާލި ކޮށްގެން ނުވާނެ،" ޖެނީވާގައި ކުރިޔަށް ދިޔަ މިވާހަކަތައް ނިންމާލަމުން އޭނާ ވިދާޅުވެފައި ވެއެވެ.
މިވާހަކަތައް ކުރިޔަށް ދިޔައީ، ޖެނީވާއާއި 15 ކިލޯމީޓަރ ދުރުގައި ހުރި، ހޮޓަލެއްގައެވެ. އަދި ހުކުރުދުވަހު މި މަޝްވަރާތައް ނިންމާލިއިރު، މަޝްވަރާތަކުގެ ބައިވެރިން ދިޔައީ، އެއްބަސްވުމަށްކަށް އައުމަށްޓަކާ ވަރަށް ބޮޑަށް މަޝްވަރާ ކުރަމުންނެވެ.
އަދި ފެކްޝަންތަކުންދިޔައީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބޭއްވުމަށްޓަކާ ގާނޫނު އަސާސީގައި އެކަށައަޅަންޖެހޭ މައިގަޑު އަސާސްތަކާމެދު ޖުލައި 1ގެ ކުރިން އެއްބަސްވުމަށް އައުމަށް މަސައްކަތް ކުރަމުންނެވެ.
އެހެންނަމަވެސް، ޔޫއެންގެ އޮފިޝަލުން ވިދާޅުވެފައިވަނީ، މި މަޝްވަރާތައް ބޭއްވި ފަރާތްތަކުން، މަޝްވަރާތައް ނިންމާލުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަށް އިތުރު 4 ދުވަސް އިތުރުކޮށްގެންވެސް، މަޝްވަރާތަކަށް ހުށަހެޅެމުންދިޔަ ޕްރޮޕޯސަލްތަކާމެދު މަޝްވަރާތަކުގެ ބައިވެރިންނަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމުގައެވެ.
ޑިސެމްބަރުމަހު ލީބިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަކީ، 2011 ވަނަ އަހަރު ނޭޓޯއިން އިސްވެ، ލީބިޔާގެ އޭރުގެ ލީޑަރ މުއައްމާރު ގައްޒާފީގެ ވެރިކަން ބަދަލުކުރުމަށްފަހު، ޔޫއެންއިން އިސްވެ ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތަކުން އެކުލަވާލެވުނު ސަރުކާރު ކުރިޔަށް ގެންގޮސް އަދި ދާއިމީ ސުލްހަ ގެނައުމަށް މުހިންމު އިންތިޚާބެކެވެ.
ޔޫއެންއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތަށްފަހު، ފާއިތުވެދިޔަ އަހަރު ލީބިޔާގެ ވާދަވެރި ފެކްޝަންތަކުން ވަނީ، ހަތިޔާރުތައް ބަހައްޓާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.
One Response
އެއީ ސުލްހައިގެ ޓެގް އާޅުވައިގެން ގައުމުތަށް ފަސާދަ ކުރާބަޔެއް !