ދުނިޔޭގެ އެއްވަނަ ބެލްޖިއަމް ކަޓުވާލުމަށްފަހު، އިޓަލީ ސެމީ ފައިނަލަށް

ދުނިޔޭގެ އެއްވަނަ ބެލްޖިއަމް ކަޓުވާލުމަށްފަހު، އިޓަލީ ސެމީ ފައިނަލަށް

Author
ޔޫސުފް
03 ޖުލައި 2021 02:46
0

\ދުނިޔޭގެ ފުޓްބޯޅަ ރޭކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް ކަޓުވާލުމަށްފަހު އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއުނިކް އެރީނާގައި މިރޭ ކުޅުނު މެޗުގައި ބެލްޖިއަމްގެ މައްޗަށް އިޓަލީ ކުރިހޯދީ 1-2 ގެ ނަތިޖާއަކުންނެވެ.

މި ނަތިޖާއާއެކު ޔޫރޯގެ ސެމީ ފައިނަލުގައި އިޓަލީ ނުކުންނާނީ ސްވިޒަލެންޑް ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ސްޕެއިން އާއި ދެކޮޅަށެވެ. ސްޕެއިން ވަނީ މީގެކުރިން ޖައްސަޖަސައިގެން 2 ފަހަރު ޔޫރޯ ކާމިޔާބުކޮށްފައެވެ.

އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ބޮނޫޗީ ޖެހި މި ލަނޑު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއް ކަމުގައެވެ. ނަމަވެސް ހިތްވަރުއެލުވާނުލާ އެއްވާނެއްގައި ގަދަޔަށް ކުޅެމުންދިޔަ އިޓަލީން ލީޑު ނެގި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ނިކޯލޯ ބަރޭލާއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އިޓަލީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ، ލޮރެންޒޯ އިންސީނިއޭއެވެ.

އިޓަލީން 0-2 އިން ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް ބެލްޖިއަމަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އަކީ ބެލްޖިއަމްގެ ޖެރެމީ ޑޮކޫއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ ރޮމޭލޫ ލުކާކޫއެވެ.

މެޗުގެ ދެވަނަ ހާފުގެވެސް ބޮޑުބައި އިޓަލީން ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔަނަމަވެސް ބެލްޖިއަމަށް ލިބުނު ފުރުޞަތުތަކުގައި އެޓީމުން ވަނީ އިޓަލީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ލުކާކޫއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. ލުކާކޫ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ އިޓަލީގެ ޑިފެންޑަރު ލެއޮނާޑޯ ސްޕިނަޒޯލާ ގައިގައި ޖެހުމުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުއާޓާ ފައިނަލުގެ 3 ވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޗެކް ރިޕަބްލިކާއި ޑެންމާކެއެވެ. އަދި ކުއާޓާގެ ފަހު މެޗުގައި އިންގްލެންޑް ވާދަކުރަނީ ޔޫކްރެއިން އާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.