ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން ކަށަވަރުކޮށްފިއެވެ.
ސްޕެއިން މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު، 1-1 އިން ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ 30 މިނެޓުގެ ތެރޭގައިވެސް އިތުރު ލަނޑެއް ޖެހިފައި ނުވާތީ ޕެނަލްޓީ ޖަހައިގެން 1-3 ގެ ނަތީޖާއަކުންނެވެ.
ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ސްޕެއިން ޓީމުންނެވެ. އެގޮތުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސްޕެއިނުންނެވެ. މެޗުގެ 8 ވަނަ މިނެޓުގައި ސްޕެއިނުން ޖެހި ލަނޑަކީ ޖޯޑީ އަލްބާ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ޑެނިސް ޒަކަރިއްޔާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެއެވެ. މި ލަނޑަށްފަހު ސްވިޒަލެންޑުން ވަނީ ކުޅުން ރަނގަޅުކޮށް ސްޕެއިން ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސްވިޒްލެންޑް ފެނުނީ ފުރަތަމަ ހާފަށްވުރެއްވެސް ރަނގަޅުކޮށެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ސްވިޒަލެންޑަށް ކާމިޔާބުކޮށްދިނީ، ޝަގީރީއެވެ. މެޗުގައި ސްވިޒަލެންޑަށް އިތުރު އުނދަގުލަކާއި ކުރިމަތިލާން ޖެހުނީ 77 ވަނަ މިނެޓުގައި އެޓީމުގެ ފްރެއުލާއަށް ރެފްރީ ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ. މި ރަތް ކާޑަކީ ސްޕެއިންގެ ޖެރާޑް މޮރޭނޯއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ދެއްކި ކާޑެކެވެ. ނަމަވެސް ސްވިޒަލެންޑުން ވަނީ މެޗުގެ ބާކީ އޮތްބައިގައި 10 ކުޅުންތެރިންނާއެކު ސްޕެއިން ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު 15 މިނެޓުގެ 2 ހާފުގައި ސްޕެއިނުން އުފެއްދި ގިނަ ހަމަލާތެއް ސްވިޒަލެންޑްގެ ކީޕަރ ވަނީ ދިފާޢުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ސްޕެއިނުން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު އޭގެ ފަހުން ސްވިޓްޒަލެންޑުގެ އަކަންޖީ އާއި ފަބިއަން ޝެއާ އަދި ވާގަސް ފޮނުވާލި ޕެނަލްޓީތައް ސްޕެއިންގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. ސްޕެއިން އިން ދެން ނާކާމިޔާބުވީ ރޮޑްރީ ފޮނުވާލި ޕެނަލްޓީއެވެ.
މި މޮޅާއެކު ސްޕެއިން ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.