ބޭރުގެ ޕްރެޝަރާއެކު ނޫސްވެރިންގެ އަނގަ ބަންދުކުރަން ސަރުކާރުން ހިންގަނީ ދަށު ދަރަޖައިގެ އަމަލެއް: ޕީޕީއެމް

ބޭރުގެ ޕްރެޝަރާއެކު ނޫސްވެރިންގެ އަނގަ ބަންދުކުރަން ސަރުކާރުން ހިންގަނީ ދަށު ދަރަޖައިގެ އަމަލެއް: ޕީޕީއެމް

Author
ޢަލީ އާދަމް
02 ޖުލައި 2021 11:22
0

ރާއްޖޭގެ ނޫސްވެރިން ލިޔާ ލިޔުންތަކާއި ގުޅިގެން އެކަން ހުއްޓުވުމަށް ބޭރުގެ އެކި ފަރާތްތަކުން ސަރުކާރު މެދުވެރިކޮށް ފިއްތާ ފިއްތުންތަކުގެ ސަބަބުން ސަރުކާރުން ނޫސްވެރިންގެ އަނގަ ބަންދުކޮށް ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިނިވަން ނޫސްވެރިކަމަށް ހުރަސްނޭޅުމަށާއި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ބިރުދެއްކުން ހުއްޓާލުމަށް ސަރުކާރަށާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ގޮވާލައި ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ ފިއްތުންތަކުގެ ސަބަބުން ސަރުކާރުގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުން ނޫސްވެރިންގެ އަނގަބަންދުކުރަން މަސައްކަތް ކުރާކަމަށެވެ.

އަދި ރާއްޖޭގެ އޮލައިން ނޫހެއްގެ ޗީފް އެޑިޓަރަށް އަމާޒުކޮށް ބިރުދެއްކުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ނެރެފައިވާ ބަޔާން ކުއްވެރިކުރާ ކަމަށްވެސް އިދިކޮޅުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

"މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވީހިނދު، މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންގެ ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭފަދަ ކަމެއް ކަމުގައިވެސް ދެކެމެވެ."

– ޕްރޮގްރެސިވް ކޯލިޝަން

މީޑިއާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ކަމާބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމަކަށްވާއިރު، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މިފަދަ އިންޒާރުތަކާއި ބިރުދެއްކުމުގެ ޢަމަލުތައް ބަލާ އެފަރާތްތަކަށް ރައްކާތެރި މާޙާއުލެއް ޤާއިމްކޮށްދިނުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލައިފަ އެވެ.

އަދި ވަކި ފަރާތަކަށް ނުޖެހި މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށްވެސް އިދިކޮޅުން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.