އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިނުމުން ދިވެހި ރާއްޖޭގައި ހުންނަ ޗައިނާ އާއި އިންޑިއާ އެމްބަސީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އޮންލައިން ނޫހަކުން ކޮށްފައިވާ ޓްވީޓުތަކެއްގެ ސަބަބުން ދިވެހިރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން މިނިސްޓްރީގައި އެދިފައިވާ ކަަމަށެވެ. އަދި އެ އެދުމުގެ މަތިން، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް މިހާރު އިތުރަށް ވަރުގަދަ ކޮށްފައި ވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކާކުކަން ނޭނގޭ ރޯޔަލް ހަސަން ތަކުރު ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން އެ އެކައުންޓް މިހާރު ވަނީ ޓްވިޓާއިން ސަސްޕެންޑްކޮށްފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.
ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާއެކެވެ.
ކޮމެންޓު ފޮނުވާ