ދިވެހިރާއްޖެ ބަލައިގެންފައިވާ އާގާނޫނު އަސާސީއަށްފަހު، ރާއްޖެއަށް އައި އެންމެ ބޮޑު ބަދަލަކީ ދިވެހި ރައްޔިތުންނަށް އެގާނޫނު އަސާސީން އަސާސީ ހައްގުތައް ކަށަވަރު ވެގެން ދިއުމެވެ. އަދި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ޖަހޭ އަސާސީ ހައްގުތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދިނުމުގެ ގޮތުން، ފެހި ގާނޫނު އަސާސީގައި އަސާސީ ހައްގުތަކުގެ ގޮތުގައި ވަކި ޚާއްސަ ބާބެއްވެސް ހިމަނާފައި ވެއެވެ.
މިގޮތުން، ގާނޫނު އަސާސީގެ 2ވަނަ ބާބުގެ ގޮތުގައި ޚާއްސަވެފައި އޮތް، އަސާސީ ހައްގުތަކުގެ ބާބުންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ މުހިންމު 3 މާއްދާއެއް އެބައޮތެވެ. އެއީ ޖެހިޖެހިގެން އޮތް، ގާނޫނު އަސާސީގެ 27، 28 އަދި 29 ވަނަ މާއްދާއެވެ.
މި ތިން މާއްދާއަކީ، އެއް މާއްދާއަށް އަނެއް މާއްދާއިން ބާރު ލިބިދީ، ޚިޔާލު ފާޅުކުރުމާއި، މައުލޫމާތު ހޯދަ ލިބިގަތުމާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރު ކޮށްދިން 3 މާއްދާއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގައި މިއަދު، ނޫސް މީޑިއާތަކުގައި ބޭނުން ވާހަަކައެއް ލިޔެލެވި، ބޭނުން ޚިޔާލެއް ފާޅު ކޮށްލެވި، އަދި ބޭނުން މަޢުލޫމާތެއް ދައުލަތުގެ މުވައްސަސާތަކުން ގަދަކަމުން ނަމަވެސް ހޯދައިގަތުމުގެ ފުރުސަތު ފެހި ގާނޫނު އަސާސީން ފޯރު ކޮށްދީފައިވަނީ ވަރަށްވެސް ފުރިހަމަކޮށް ކަމުގައި ދެންނެވިދާނެއެވެ.
އެހެންނަމަވެސް، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ގާނޫނު އަސާސީގެ ފަތްފުށްތަކުގައި، މި މިނިވަންކަމުގެ ވާހަކަތައް ނުހަނު ފުރިހަމަކަމާއެކު ލިޔެލެވިފައި ހުއްޓެއްކަމަކު، އެއީ އެގާނޫނު އަސާސީން ލިބިދީފައިވާ މި މިނިވަންކަމުގެ ފޮނިމީރުކަން ގައުމަށާއި ރައްޔިތުންނަށް ލިބެދެވެންވީ ސަބަބެއް ނޫންކަމެވެ.
މިގޮތުން ދެންނެވުނު އަސާސީ ހައްގުތަކުގެ ފޮނިމީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނީ، ހައްގުތަށް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލައިގެން ތިބޭ ވެރީން، އެންމެ ފުރިހަމަ ގޮތުގައި ހައްގުތަށް ފޯރުކޮށްދިނުމުގެ އިތުރުން، އަސާސީ ހައްގުތަކުގެ ބޭނުން ކުރާ ފަރާތްތަކުން، ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކޮށްގެންވެސް މެއެވެ.
އޭރުވެސް މިހާރުވެސް މީޑިއާތައް ގޯސް!
ފާއިތުވެދިޔަ ޒަމާންތަކުގައި މީޑިއާތަކަށް އެންމެ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައާއި އަދި ރައީސް ޔާމިންގެ ވެރިކަމުގައި ކަމުގައި ދެންނެވިދާނެއެވެ.
ސަބަބުތައް ބައިވަރެވެ.
2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިމިދިއުމުގެ ކުރިން، އޭރު ސަރުކާރަށް ފާޑު ކިޔަމުން އައި، ބައެއް މީޑިއާތަކާއި ދެކޮޅަށް އެސަރުކާރުން، ހަރުހަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މީގެތެރޭގައި، ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔަމުންއައި އެއް މީޑިއާކަމުގައިވާ، މަހުޖަނު އުއްޗު ފަންޑުކޮށްގެން ހިންގަމުންއައި ދިޓީވީ އަދި ދިއެފްއެމްއާއި ދެކޮޅަށް ފިވަޅު އަޅާ، އޭރު އަމަލް ކުރެވެމުންއައި އުސޫލުތަކުގެ ތެރެއިން ޕޮއިންޓު އުނިކޮށް، ދަތި ކޮށްފައި ވެއެވެ. އަދި، އެތައް ފަހަރެއްގެ މަތިން، ސަރުކާރާ ދެކޮޅަށް ފާޑުކިޔަމުން އައި ދިޓީވީ އަދި ވީޓީވީއަށް އެކި ފަރާތްތަކުން ހަމަލާ ދީފައި ވެއެވެ.
އެއަށްފަހު ރައީސް ވަހީދުގެ ވެރިކަމުގައި މީޑިއާގެ ދާއިރާއިރާއަށް ކޮންމެވެސް ވަރެއްގެ ހަމަހިމޭން ކަމެއް އައެވެ. ދެން އައީ ރައީސް ޔާމިންގެ ދައުރެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި މީޑިއާތަކަށް ކުރިމަތިވީ ގޮންޖެހުންތައް ގިނަގުނަ ވެފައި ނުރައްކާތެރި ކަމުގައި ދަންނަވަން ޖެހެއެވެ. މީޑިއާ ރެގިއުލޭޓް ކުރުމަށް އެކަށައަޅާފައިވާ މުވައްސަސާތަކަށް، އެއްވެސް ބެލުމެއްނެތި ސިޔާސީ އެކްޓިވިސްޓުން އައްޔަން ކޮށް، ޚުދު އެމުވައްސަސާތައް މީޑިއާތަކަށް އޮތް ބޮޑު ނުރައްކަލަކަށް ވެގެން ދިޔައެވެ. ހަމަ އެއާއެކު، މަޖިލީހުން އަބުރުގެ ބިލް ފާސްކޮށް، މީޑިއާތަކުގެ އަތް ބަނދެލެވުނެވެ. ސަރުކާރަށް ފާޑު ކިޔަމުންދިޔަ މީޑިއާތައް އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ކުރެވުނެވެ.
އަދި، ސަރުކާރަށް އޭރު އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ އެއް މީޑިއާ ކަމަށްވާ ރާއްޖެ ޓީވީގައި ބަޔަކު ރޯވެސް ކޮށްލީ ރައީސް ޔާމިންގެ ވެރިކަމުގެ ދައުރުގެ ތެރޭގައެވެ. އެތައް މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މިގޮތުން ރައީސް ޔާމިންގެ ދައުރު ފާހަގަވެގެން ދިޔައީ، އޭރުގެ ސަރުކާރު ރާއްޖޭގެ ގިނަ މީޑިއާތަކާއި ގުޅުން ކުޑަ، އަދި ސަރުކާރާ މީޑިއާތަކާ ދެމެދު އޮތް ދެކޮޅުވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ ވެރިކަމެއްގެ ގޮތުގައެވެ.
އެއަށްފަހު، ދައުރު ބަަދަލުވެ، އާދައުރަކަށް އަލިވިލުނީއެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށި ދައުރު ދެބައި ވެގެން ދިޔައިރު، މިއަދުވެސް މިވަނީ، މުޅިން އާވައްތަރެއްގެ މައްސަލަތަކެއް ފެންމަތި ވެފައެވެ. ކުރިން އަދި ހީކުރެވިފައިވާ ވަރަށްވުރެ އަދި މާބޮޑުތަނުންވެސް ސީރިއަސް މައްސަލަތަކެކެވެ.
ސަރުކާރަށް ފާޑުކިޔަމުންދާ ބައެއް މީޑިއާތަކުގައި ޝާއިއުކުރަމުންދާ ބައެއް ލިޔުންތަކާއި، ސޯޝަލް މީޑިއާގައި ކުރަމުންދާ ބައެއް ޕޯސްޓުތައް މިއަދު ވެގެން ގޮސްފައިވަނީ، ޒަމާނުއްސުރެ ރާއްޖެއާއި އެންމެ ގާތް ގުޅުމެއް ބާއްވަމުންއަންނަ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ސިޔާސީ ގުޅުމަށްވެސް ކުރިމަތި ވެގެން ގޮސްފައިވާ ބޮޑު ގޮންޖެހުމަކަށެވެ.
ވަކީން ޚާއްސަކޮށް، ސަރުކާރަށް ފާޑު ކިޔަމުންދާ އޮންލައިން ނޫހެއްކަމުގައިވާ ދިޔަރެސް ނޫހުގައި، މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒިފުންގެ ޒާތާ ގުޅުވައިގެން ލިޔެފައިވާ ބައެއް އާޓިކަލްތަކުގެ މައްސަލާގައި، އިންޑިއާސަރުކާރުން ވަނީ، ދިވެހި ސަރުކާރުގައި ޝަކުވާ އުފުލާފައެވެ.
އަދި މިފަދައިން އާންމު ކުރެވެމުންދާ ސާބިތު ނުހިފޭ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއަން ހައިކޮމިޝަންގައި މަސައްކަތް ކުރަމުންދާ ޑިޕްލޮމެޓިކް މުވައްޒިފުންގެ ސަމާލަތަށްވެސް ނުރައްކާވެފައިވާ ކަމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.
ގަބޫލު ކުރެވޭގޮތުގައި، ރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ ޑިޕްލޮމެޓުންގެ ޒާތަށް އަމާޒު ކުރެވިގެން، ބައެއް ނޫސް މީޑިއާތަކުގައި ލިޔަމުންދާ މިފަދަ ބައެއް ލިޔުންތައް އެއްވެސް ކޮންޓްރޯލެއް ނެތި، ޝާއިއު ކުރެވެމުން ދާނަމަ، އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ޑިޕްލޮމެޓިކް ގުޅުމަށް ބުރޫތަކެއް އަރައިގެން ދިއުމަކީ، ދުރުގައި އޮތް ކަމެއް ނޫނެނެވެ.
ނަތީޖާއެއްގެ ގޮތުން، ދެގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް އަސަރުކުރުވާފަދަ ސާބިތުނުހިފޭ މައުލޫމާތު ނުފެތުރުމަށް ފޮރިން މިނިސްޓްީން މިވަނީީ ނޫސް މީޑިއާތަކަށް އިލްތިމާސް ކޮށްފައި ވެސްމެއެވެ.
ހުރިހާ ވެރިކަމެއްގައި ވެސް މީޑިއަތައް ބޮލުގެ ރިހުމަކަށް
2008ވަނަ އަހަރު އާގާނޫނު އަސާސީ ބަލައިގަނެ، އެގާނޫނު އަސާސީން މީޑިއާތަކަށް ފުރިހަމަ މިނިވަންކަމާއި، މުސްތަގިއްލުކަން ލިބިދިން ފަހުން، ގޮންޖެހުންތަކާއެކު ނަމަވެސް، ރާއްޖޭގައި މީޑިއާތަކުން ހަރަކާތްތެރިވަމުން އައިސްފައިވަނީ، ވަރަށްވެސް ބޮޑު މިނިވަން ކަމަކާއެކުއެވެ.
އެހެންނަމަވެސް، މީޑިއާތަކަށް މިނިވަންކަން މި ބީދައިން ލިބިދީފައި އޮތްކަމުގައި ވިނަމަވެސް، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު މަލްޓިޕާޓީ ޑިމޮކްރަސީއަކަށް އަލިވިލުމަށް ފަހުވެސް، މީޑިއާތައް ރާއްޖޭގައި ހަރަކާތްތެރިވަމުން އައިސްފައިވަނީ ތަފާތު އެތަކެއް ނުފޫތަކެއްގެ ތެރެއިން، އަދި ގިނަފަހަރަށް ކޮންމެވެސް ސިޔާސީ މީހެއް ނުވަތަ ޕާޓީއެއް ނުވަތަ މުއްސަދި މަހުޖަނެއްގެ އެހީތެރިކަމާއެކުއެވެ.
އަދި މިހަގީގަތް މި އުސޫލުން އޮތްއިރު، މީޑިއާގެ މިނިވަންކަން މުޅި ދުނިޔޭގައިވެސް ޕްރެކްޓިސް ކުރުމުގައި، ފެންނާން އޮތް އެއް ހަގީގަތަކީ، ގިނަ މީޑިއާތަކަކީ، އެގައުމެއްގެ ސިޔާސީ ހަގީގަތްތަކާ ގުޅުން ހުރި މީޑިއާތައްކަމުގައި ވުމެވެ.
މިގޮތުން، މީޑީއާގެ މިނިވަންކަންވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރިކޮށްދެވިގައިވާ އެއް ގައުމުކަމުގައިވާ އެމެރިކާގައިވެސް، ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް، ކޮންމެވެސް އެއް ކެނޑިޑޭޓަކަށް، ކޮންމެވެސް ސިފައެއްގައި އެއްބާރުލުން ދޭންމަނަޒަރު ފެނެއެވެ.
މިސާލެއްގެ ގޮތުން އެންމެ ފަހުން، އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި، އެގައުމުގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، މަޝަހޫރު މީޑިއާ ޗެނަލް "ފޮކްސް ޗެނަލް" އިން ނުހަނު ބޮޑަށް އެއްބާރުލުން ދީ ތާއީދުކޮށް އަދި، އޭނާ ޕްރޮމޯޓް ކުރަމުން ދިޔައިރު، މަޝްހޫރު ޓީވީ ޗެނަލް "ސީއެންއެން" އިން ގެންދިޔައީ، ޓްރަމްޕާ ދެކޮޅަށް ފާޅުގައި އިންތިހާއަށް ކެމްޕޭން ކުރަމުންނެވެ.
އެހެންނަމަވެސް، ފެންނާންހުރި ތަފާތުތަކެއް އެބަހުއްޓެވެ. ރާއްޖޭގައި ސަރުކާރާ ދެކޮޅު މީޑިއާތައް ގިނަފަހަރު ހިންމުންދަނީ، އިދިކޮޅު ސިޔާސީ ޕާޓީތަކުންނެވެ. އަދި، ގިނަފަހަރަށް، ސަރުކާރާ ދެކޮޅު މީޑިއާތަކުގެ އެޑިޓޯރިއަލް ޕޮލިސީތައް ވެގެން ގޮސްފައިހުރީ، އިދިކޮޅު ސިޔާސީ ޕާޓީގެ މެނިފެސްޓޯ ކަމުގައެވެ. ބައެއް މީޑިއާތަކުގައި ގިނަފަހަރަށް ހަރަކާތްތެރި ވަނީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނެވެ.
ދޮގުވާހަކަތައް ފެތުރުމުގައި އެއެއް މިއެއް ބެލުމެއް ނެތެވެ. އަނެކާގެ އަބުރު ކަތިލުމަށްފަހު، ނިވާފަތްގަޑަކަށް ހަދަމުންދަނީ، ގާނޫނު އަސާސީގެ، އަސާސީ ހަގުތަކުން ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަމެވެ.
މައްސަލައަކީ ކޮބާ؟
ފަހަކަށް އައިސް އައި ހުރިހާ ވެރިކަމެއްގައި ވެސް، މީޑިއާތަކާއި ސަރުކާރާ ކުރިމަތިލުންތައް ހިގާފައި އެބަހުއްޓެވެ. އެކިފަހަރު އެކި މިންވަރުގައެވެ.
މިއަދު އަޅުގަޑުމެން ދެކެމުން މިދަނީ، ބޭރުގެ ދައުލަތަކާއި ދިވެހި ދައުލަތާ ދެމެދު އޮތް ގުޅުމުމަށް ނޭދެވޭ އަސަރު ކުރުވާ ވަސީލަތަކަށް މީޑިއާގެ ވަސީލަތް ވެގެންދާ މަންޒަރެވެ.
ތެދުފުޅެކެވެ. މީޑިއާތަކުން ފާޑު ކިޔާނެއެވެ. އަދި ފާޑު ކިޔަންވެސް ވާނެއެވެ. އެހެންނަމަވެސް، މީޑިއާތަކުގައި ލިޔެވެންވާނީ ތެދު ވާހަކައެވެ. ކުރެވެން ވާނީ ސާބިތު ހިފޭ ތުހުމަތުތަކެވެ. ބޭނުންހާ ވާހަކައެއް ލިޔުމަށްފަހު، ގާނޫނު އަސާސީން ލިބިދީގައި އޮތް މަސްދަރު ރައްކާތެރި ކުރުމުގެ ހައްގުގެ ބޭނުން އޭގެ ނާޒާއިޒް ގޮތުގައި ކުރެވިގެން ނުވާނެއެވެ.
ހަމައެއާއެކު ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިން ނުކުތާއަކީ، ސަރުކާރާއި މީޑިއާތަކާއި ކުރިމަތި ލުމަކަށް ދާންޖެހޭ ސަބަބުތަކުގެ ވާހަކައެވެ.
މީޑިއާތައްވެސް ޒިންމާދާރު ކުރެވެން އެބަޖެހެއެވެ. އެކަމަށް މުވައްސަސާތައްވެސް ވުޖޫދު ކޮށްފައިވެސް އެބަ ތިއްބެވެ. އެހެންނަމަވެސް، މީޑިއާކުން ލިޔުނު އާރޓިކަލްތަކެއްގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާއާއި ރައްޖެއާއި ދެމެދު އޮތް ޒަމާންވީ ސިޔާސީ ގުޅުމަށްވެސް އޭގެ ގޮންޖެހުންތައް ކުރިމަތިވެގެން ދާއިރު، މިޑިއާތައް ޒިންމާދާރު ކުރުވުމަށް އުފައްދާފައިވާ މީޑިއާ ކައުންސިލް އަދިވެސް އޮތީ ހަނުއެވެ.
ދިވެހިރާއްޖޭގައި އެކައުންޓިބިލިޓީގެ މުޅި އޮނިގަޑު އެކުލަވާލެވިގައި އޮތް ގޮތަށް ބަލާއިރު، މީޑިއާތައް ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތަކަކީ ސަރުކާރެއް ނޫނެވެ. އަދި މީޑިއާތައް ޖަވާބުދާރީ ވާންޖެހޭ ފަރާތަކީވެސް ސަރުކާރެއް ނޫނެވެ. މީޑިއާތައް ޖަވާބުދާރީ ކުރުވަން ޖެހެނީ އެމަސްއޫލިއްޔަތު އަދާކުރުމަށް އުފައްދާފައިވާ މުވައްސަސާތަކެވެ.
އެއީ ބްރޯޑުކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލެވެ. އެހެންކަމުން، ހަނު ނުތިއްބަވާ، ވަކި ފަރާތަކަށް ބުރަނުވެ، މި ދެމުވައްސަސާއިން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޒިންމާ އަދާކުރަމުން ދާނަމަ، މީޑިއާތައް ސަރުކާރުތަކުގެ ބޮލުގެ ރިހުމަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
އަދި މި މުވައްސަސާތަކަކީ، ވާގި ނެތިފައި ތިބޭ މުވައްސަސާތަކަކަށް ވެގެން ހިގައްޖެނަމަ، މީޑީއާތަކުންވެސް ހަދާނީ ހަދާނެ އެއްޗެކެވެ. ތޮޅޭނީ ސަރުކާރާ މީޑިއާތަކެވެ. ނަތީޖާއަކަށް ވެގެންދާނީ، އެއްވެސް ވެރިކަމެއްގައި މީޑިއާތަކަށް ހިންމެދިލާކަށް ފުރުސަތު ލިބިގެން ނުދިއުމެވެ.
One Response
ދައުލަތުން ބަލަހައްޓާ ފަކިރުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދި ބޭފުޅުން !