ދިވެހިރާއްޖޭގައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ފޮރިން ސަރވިސްގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ މިބިލަށް އެއްވެސް ޚިޔާލެއް އޮތްނަމަ މިމަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޛުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށައަޅާފައިވާ މި ބިލުގެ އިބްތިދާޢީ ބަހުސްގައި މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވެވަޑައިގެން ބިލުގެ މުހިއްމުކަންވަނީ ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ ގިނަ މެންބަރުން މިބިލަށް ތާޢީދުކުރައްވާފައިވާއިރު، ބައެއް މެންބަރުންވަނީ ކޮމިޓީ މަރުހަލާގައި ބައެއް އިސްލާޙުތައް ބިލަށް ގެންނަން ފެންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޚާރިޖީދާއިރާގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި ރާއްޖެއަށް ހޯއްދަވައިދެއްވާފައިވާ ރީތިނަމާއި ޤައުމުތަކާއެކު ޤާއިމްކޮށްފައިވާ ގުޅުމުގެ އަގުވަޒަންކޮށް މިނިސްޓަރ ޝާހިދުގެ ނަމާއި ގުޅުވައިގެން ބިލުގެ ނަން ބަދަލުކުރުމަށް ބައެއް މެންބަރުންވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ސަރުކާރެއް ބަދަލުވިނަމަވެސް ފޮރިން ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ނުކުރެވޭނެގޮތަށް ބިލަށް އިސްލާޙު ގެނައުމަށް ފެންނަކަމަށް މެންބަރުންވަނީ ބަހުސް މަރުހަލާގައި ވިދާޅުވެފައެވެ.
ބިލުގައިވާގޮތުން، ބިލު ޤާނޫނަކަށްވެ، ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް"ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. އެ ޚިދުމަތް ނުވަތަ ފޮރިން ސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ.
ޤާނޫނާއެކު އުފެދޭ ފޮރިން ސަރވިސްގެ މަޤުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމުކުރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން ހިމެނެއެވެ.
އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުޞަތުތައް ދެނެގަނެ، ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއެރުވޭނެ ގޮތްތައް ހޯދައި ބަލައި، އެކަންކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި އެހީތެރިވެދިނުންވެސް ހިމެނެއެވެ.
މި ބިލު ޤާނޫނަކަށްވުމުން ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އެގޮތުން ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކްރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
މި ބިލުގައިވާ ގޮތުން ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން ޢައްޔަންކުރެވިދާނެއެވެ. ނަމަވެސް ފޮރިން ސަރވިސްއިން ބޭރުން ޢައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ޙާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިޢުފާދޭންޖެހެއެވެ. މީގެ އިތުރުން ސަފީރަކީ ފޮރިން ސަރވިސްގެ މުވައްޒަފެއްނަމަ، އެ ސަފީރަކު މި ޤާނޫނުގައިވާ ގޮތަށް އިސްތިޢުފާދިންކަމުގައި ވީނަމަވެސް ނުވަތަ އަނބުރާ ގެނައި ނަމަވެސް، ފޮރިން ސަރވިސްގައި އެ ފަރާތުން ފުރަމުންދިޔަ މަޤާމުން ވަކިވީ ކަމުގައެއް ނުބެލެވޭނެކަމަށް މި ބިލުގައިވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ