ގެދޮރުވެރިޔާ ލޯނުން ދޫކުރާ އެންމެ ބޮޑު އަދަދު 7 ލައްކައަށްވުރެ ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ގެދޮރުވެރިޔާ ލޯނުން ދޫކުރާ އެންމެ ބޮޑު އަދަދު 7 ލައްކައަށްވުރެ ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Author
ޢަލީ އާދަމް
01 ޖުލައި 2021 09:48
0

ގެދޮރުވެރިޔާ ލޯނު ސްކީމުން ދޫކުރާ އެންމެ ބޮޑު އަދަދު 7 ލައްކައަށްވުރެ ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި އޮންލައިން ބައްދަލުކުރެއްވުމުގައި އެވެ. މިއީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ސިލްސިލާކޮށް ރައީސް ފައްޓަވާފައިވާ ބައްދަލުވުންތަކުގެ ތެރެއިން 2 ވަނަ ބައްދަލުވުމެވެ. މީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ އާދީއްތަ ދުވަހު ދިއްގަރު ކައުންސިލްއާ އެކުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިންގ މަޝްރޫޢުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ ޢަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ ޢަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް މި ބައްދަލުވުމުގައި މޭޔަރ މުޙައްމަދު އާޠިފް ވަނީ ވިދާޅުވެފަ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގ އެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ވެސް ކައުންސިލުތަކުން އަމިއްލައަށް ހިންގޭގޮތަށް އޮތްނަމަވެސް ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުތަކަށް ދިނުމުގައި ދެމި އޮންނާނެކަމަށާއި، ބޭނުންވަނީ މުޅި ނިޒާމު ކާމިޔާބުކަމާއެކު ހިނގައި ކުރިޔަށްދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.