އެންމެބޮޑު ޔުނިވަރސިޓީން ހަރުކަށިކަން އިސްކުރުން ބަލައި ނުގަނެވޭނެ: އިމްރާން

އެންމެބޮޑު ޔުނިވަރސިޓީން ހަރުކަށިކަން އިސްކުރުން ބަލައި ނުގަނެވޭނެ: އިމްރާން

Author
ޢަލީ އާދަމް
01 ޖުލައި 2021 08:32
0

ރާއްޖޭގައި ހުރި އެންމެބޮޑު ޔުނިވަރސިޓީން އިލްމީގޮތުން ބަހުސްކޮށް ހައްލު ހޯދުމުގެ ބަދަލުގައި ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވަކިކުރުމާގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ. އިމްރާން ވިދާޅުވީ މިއީ އެންމެ އިންސާފުވެރި ނިންމުމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އިމްރާން ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތު ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ.

"ޑރ. އިޔާޒްގެ ބައެއް ފިޤުހް ރަޢުޔާ އަޅުގަނޑަށް އެއްބަސް ނުވެވުނަސް އެމަނިކުފާނާއިމެދު އެމްއެންޔޫ އިން އެޅި ފިޔަވަޅަކީ އިންސާފްވެރި ފިޔަވަޅެއް ކަމަށް ނުދެން"

– އިމްރާން

އިމްރާން ވިދާޅުވީ ދީނީ ޚިލާފްތަކާމެދު އިލްމީ މުވައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީގޮތުން ރީތި އަޚްލާގާއެކީ ބަހުސްކޮށް ހައްލު ހޯދެން ވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޔުނިވަރސިޓީ އެމްއެންޔޫން އެފަދަ ބަހުސްގެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަ އިމްރާން ވަނީ ވިދާޅުވެފަ އެވެ.

އިމްރާން ވަނީ އެމްއެންޔޫގެ މި ނިންމުން މުރާޖާ ކުރުމަށްވެސް ގޮވާލައްވާފައެވެ. އިމްރާން އަބްދުﷲ އަކީ ޑރ. އިޔާޒުވެސް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ އަދާލަތުގެ ރައީސް ވެސް މެއެވެ. އަދި އަދާލަތު ޕާޓީއާއި ޑރ. އިޔާޒް ވެސް މިހާރުގެ ކޯލިޝަން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާ އާންމުކޮށް ވާހަކަ ދައްކަވައެވެ.

ޑރ. އިޔާޒް މަގާމުން ވަކިކޮށްފައި ވާއިރ،ު މިއަހަރުގެ މާޗް މަހު 14 ދުވަހަށް ޔުނިވަރސިޓީގެ މަގާމުން އިޔާޒް ސަސްޕެންޑްވެސް ކޮށްފައިވެއެވެ.

ފަހުން ޑރ. އިޔާޒާގުޅޭ މައްސަލެއް އެމްއެންޔޫއިން ބަލަން ފަށާފައިވަނީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަންފަށާފަ އެވެ.

ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ/ސީނިއާ ލެކްޗަރާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިންނާ
އިމްރާން ރަނގަޅުވާނީ އިސްލާމްދީނޭ ކިޔައިގެން ވާހަކަނުދެއްކިއްޔާ، މުނާފިގުން ދައްކާވާހަކަ ދިވެހި ރަތްޔިތުން ދެނެއް ގަބޫލެއް ނުކުރާނެ