ގައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ ވަޒީފާއިން ވަކިކުރެއްވި މައްސަލާގައި ކުރިމަތިވާ ސުވާލުތަކަށް ދެއްވަން އޮތް ޖަވާބަކީ ފިރުއައުނާ މުޚާތަބްކޮށް ސިހުރުވެރިން ދިން ޖަވާބު ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒް މިއަދު އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ މަގާމުން ވަކިކުރީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީޕް ވަނީ ވިދާޅުވެފަ އެވެ.
ވަޒީފާއިން ވަކިރުރެއްވުމުން ވަރަށް ގިނަ ފަރާތަކުން ކޮމެންޓެއް ހޯދުމަށް ގުޅަމުންގެންދާކަމަށް ބުނެ މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. އިޔާޒް ވަނީ ޠާހާ ސޫރަތުގެ 72 ވަނަ އާޔަތުން 76 ވަނަ އާޔަތަށް މާނައާއި އެކު ހިއްސާކޮށްފަ އެވެ.
ޚަބަރު އޮންލައިނުން ދެންނެވި ސުވާލަކަށް ޖާވާބު ދެއްވަމުން އިޔާޒް ވިދާޅުވީ، ޖުލައި 1ގެ ކުރިން އެބޭފުޅާ ވަޒީފާއިން ވަކި ކުރާނެ ކަމަށް ވައިސް ޗާންސެލަރ ވެފައިވާ ވައުދު ފުރިހަމަ ކުރެއްވީ ކަމަށެވެ.
ޑރ. އިޔާޒް މަގާމުން ވަކިކޮށްފައި ވާއިރ،ު މިއަހަރުގެ މާޗް މަހު 14 ދުވަހަށް ޔުނިވަރސިޓީގެ މަގާމުން އިޔާޒް ސަސްޕެންޑްވެސް ކޮށްފައިވެއެވެ.
ފަހުން ޑރ. އިޔާޒާގުޅޭ މައްސަލެއް އެމްއެންޔޫއިން ބަލަން ފަށާފައިވަނީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަންފަށާފަ އެވެ.
ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ/ސީނިއާ ލެކްޗަރާއެކެވެ.
ކޮމެންޓު ފޮނުވާ