ހއ.ދިއްދޫ ކައުންސިލްގެ ރައީސްއަށް ކައުންސިލްގެ ބައްދަލުވުންތަކުގައި ވޯޓުގައި ބައިވެރިނުވެވޭ ގޮތަށް ހިންގާ ޤަވާއިދު، އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން ފާސްކޮށްފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ކައުންސިލްގެ ރައީސްއާއެކު 7 ކައުންސިލަރުން ހިމެނިވަޑައިގަންނަވާ ދިއްދޫ ކައުންސިލްގައި ކައުންސިލްގެ ރައީސްއާއި، މެންބަރަކު ފިޔަވާ ބާކީ ތިއްބަވަނީ އެމްޑީޕީގެ ކައުންސިލަރުންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސްއަށް ކައުންސިލްގެ މަސައްކަތްތަކުގައި ވޯޓު ނުލެވޭގޮތަށް ހިންގާ ޤަވާިދު ފާސްކުރުމާއި ގުޅިގެން، ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އެއަމަލަކީ ނާތަހުޒީބު ފިނޑި އަމަލެއްކަމަށެވެ. އަދި އެއީ ޑިމޮކްރަޝީއާއި ބީރައްޓެހި އަމަލެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ވޯޓު ދެއްވާ މި މަޤާމު ހަވާލުކުރީ ރައްޔިތުން ނުހަނު ފޮނި އުއްމީދާ އެކު ކަން އަޅުގަނޑު އަބަދުވެސް ހަނދާން ކުރާނަން. އަޅުގަނޑު ޢުއްމީދު ކުރަނީ ލިބުނު މެޒޯރިޓީގެ ބޭނުން ހެޔޮގޮތުގަ ހިފާ ރަށަށާ ރައްޔިތުންނަ ލަބަޔާ މަންފާ ލިބިގެން ދާނެ މަސައްކަތް ތަކެއް ކުރުމަށެވެ.
– ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު

އެމްޑީޕީގެ އަޣްލަބިއްޔަރު އޮންނަ ދިއްދޫ ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ދިއްދޫގެ ބައެއް ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.

މިގޮތުން ދިއްދޫ ބައެއް ރައްޔިތުން ވަނީ، ކައުންސިލްގެ މި ނިންމުން ކުށްވެރިކޮށްފައެވެ. އަދި ދިއްދޫ ކައުންސިލްގެ ރައީސް ހޮވީ ދިއްދޫ ރައްޔަތުން ވޯޓްލައިގެން ކަމަށްވާއިރު، މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން، އޭގެ ނާޒާއިޒް ފައިދާ ނެގުން ބަލައި ނުގަނެވޭނެކަމަށް ބުނެފައިވެއެވެ.
އޭރުގޮވީ ޔާމީން ހުދުމުހުތާރޭ ކައުންސިލައް ޖެއްސުންކުރަނީއޭ، މިއަދު މިފެންނަނީ ކައުންސިލް މެމްބަރުން ކައުންސިލް ރައީސްއަށް ޖެއްސުންކުރާތަން.
– ދިއްދޫ ޒުވާނަކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވެއެވެ.
ދިއްދޫ ބައެއް ޒުވާނުން ވަނީ ވޯޓު ލުމުގެ ހައްޤުން އެއްވެސް މީހަކު ބާކީ ނުކުރެވޭނެކަމަށްވެސް ބުނެފައެވެ.
ކޮމެންޓު ފޮނުވާ