ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މަރާއި ގުޅޭ ވީޑިއޯއެއް ޢާންމުކޮށް، އަނެއްކާވެސް އެ މައްސަލާގެ މަޢޫލޫމާތު ހިއްސާކޮށްދިނުމަށް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެދިއްޖެއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ވަނީ، މ.ޝައިނިންގ ސްޓަރ، އަހުމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މައްސަލާގައި ގުޅޭގޮތުން އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް ޢާންމުކޮށްފައެވެ.
މިއީ މ.ޝައިނިންގ ސްޓަރ، އަހުމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް https://t.co/Q2L9otBNuv
— Commission on Disappearances and Deaths (@DdcomMdv) July 1, 2021
ރިޔާސީ ކޮމިޝަނުން ޢާންމުކުރި ވީޑިއޯގައި ރިޟްވާން އެންމެ ފަހުން ފެނުނު ވަގުތާއި، އޭނާ ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދޔަވަގުތު ވަޅިއެއް ވެއްޓިފައި އޮތްކަމާއި، މި މައްސަލާގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފައިސާގެ އިނާމު ހުށައަޅާފައިވާކަން ވަނީ ހިއްސާކޮށްފައެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ކޮމިޝަނުން ވަނީ ރިޟުވާނު ގެއްލުވާލި މައްސަލައިގެ ތަހުޤީޤާއި ގުޅޭ ރިޕޯޓެއްވެސް ރައީސުލްޖުމުހޫރިއްޔާއަށް އަރުވާފައެވެ.
މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުން ނޫސްވެރިއާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.
ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކަށް އެކަން ހިއްސާކުރުމަށް ފުރުޞަތު އެބައޮތްކަމަށްވެސް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ފަހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ