2023 ގައި ޕީޕީއެމް، ވެރިކަމާއި ހަވާލުވެ ނަޝީދަށް އިންސާފު ހޯދައިދޭނެ: ޝިޔާމް

2023 ގައި ޕީޕީއެމް، ވެރިކަމާއި ހަވާލުވެ ނަޝީދަށް އިންސާފު ހޯދައިދޭނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2021 11:42
0

މިސަރުކާރުން ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް އިންސާފު ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި، ދުވަސްތައް ފާއިތުވިނަމަވެސް 2023 ގައި ޕީޕީއެމްއިން ވެރިކަމާއި ހަވާލުވެ ނަޝީދަށް އިންސާފު ހޯދައި ދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލަށް ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއަކީ އިންސާފު ލިބެންޖެހޭ ކަމެއްކަމަށެވެ. މިއަދާއި ހަމައަށްވެސް މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި، އެކި ވާހަތައް ސަރުކާރުން ދައްކަމުން ދާކަމީ ހިތާމަކުރައްވާކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިގޮތަށް ވާހަކަފުޅު ދައްކަވާފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ރައީސް ޞާލިހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. ރައީސް ވިދާޅުވެފައިވަނީ މިމައްސަލަ ވަރަށް ކައިރިން ބަލައި އިންސާފު ޤާއިމް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށެވެ. އަދި މިކަމުގައި އެއްވެސް ފަސްޖެހުމެއް ނެތްކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސްގެ ވާހަކަތަކުން މިމައްސަލައަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް މިހާތަނަށްވެސް އެންމެ އެދެވޭ ގޮތަކަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް 2023ގައި ޕީޕީއެމްއިން ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ނަޝީދަށް އިންސާފު ގާއިމް ކޮށްދެއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ކުށްތަކާ ގުޅިގެން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ދެނެގަނެ އެކަން އެންމެފުރަތަމަ އާންމުކުރީވެސް މިސަރުކާރުން ކަމަށެވެ. އެގޮތުން 19 ސެޕްޓެމްބަރު 2019ގައި ފުރަތަމަ ފަހަރަށް ޓެރަރިސްޓު ޖަމާޢަތްތަކެއް ގޮތުގައި ބެލެވޭ ޖަމާޢަތްތައް ސަރުކާރުން އިޢުލާނުކޮށްފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ ޓެރަރިޒްމްގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ އެކަމަކު އެހާތަނަށް ނުކޮށްއޮތް ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޓެރަރިޒަމާއި އެފަދަ ނުރަށްކާތެރި ކުށްތަކަށް އަރައިގަންނަ، ނުރައްކާތެރިހާހެއްހައި މީހުން ތިބިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސްް ބަޔާނެއް ނެރުއްވާފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ޢަމަލުތަށް ހިންގަފާނެކަމަށް ޝައްކުކުރެވޭ މީހުން ބަންދުކޮށްގެން ތަހްޤީޤީގްކޮށް ޝަރީއަތާ ހިސާބަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރުމަށް ތަހްޤީޤީ އިދާރާތަކާ މަޝްވަރާ ކޮށްފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ތަހްޤީޤީ އިދާރާތަކުން ރައީސަށް ދަންނަވާފައިވާކަން އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން ޤާނޫނަށް އިސްލާހުގެނައުމަށްޓަކައި 10 އޮކްޓޯބަރު 2019ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުއްވައި އިސްލާހުތަކެއް ގެނެވުނު ނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި، ތަހްޤީޤީ އިދާރާތަކުން ބޭނުންވިފަދަ ހުރިހާ އިސްލާހުތަކެއް މިހާތަނަށް އަދި ގެނެވިފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.