މާލޭ ސަރަހައްދު ގުޅައިލުމުގެ ޕްރޮޖެކްޓްގެ ތެރެއިން މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއުވެސް އިންޑިއާގެ ކުންފުޏަކަށް ދިނުމަށް ނިންމައިފިއެބެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް މިހާރު ގޮސްފައިވާއިރު، ބްރިޖްގެ މަސައްކަތް ހަވާލުކުރާތާ މަދު ދުވަސްތަކެއްގެ ތެރޭގައި ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. ބްރިޖްގެ މަސައްކަތް ކުރުމަށް ހަވާލުކުރުމަށް ނިންމާފައިވަނީ އިންޑިއާގެ އޮފެންކްސް ކުންފުންޏާއެވެ. އެ ކުންފުންޏަކީ އިންޑިއާގައިވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އިންޑިއާގެ ބައެއް ކޯރުތަކުގައި ޑޭމް ހެދުމުގެ މަޝްރޫއުތަކާއި އިންޑިއާގެ ޗެންނާއީ ފަދަ ބޮޑެތި ބައެއް ސިޓީތަކުގެ މެޓްރޯ އެޅުމާއި އެކިއެކި ރެއިލްވޭ އަދި ބްރިޖާއި ހައިވޭ އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ އަދި މިވަގުތުވެސް ހިންގަމުންދާ ކުންފުންޏެކެވެ.
އަދި މިކުންފުންޏަކީ މިވަގުތު އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުވެސް ހިންގަމުންދާ ކުންފުންޏެވެ. ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިމަޝްރޫޢަކީ 6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ގޮތަށް މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖަކާއެކު ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް އިންޑިއާއިން 500 މިލިއަން ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ